ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް މީޓަރުތަކުގެ ރީޑިން ނަގަން ފަށައިފި
27 ފެބްރުއަރީ 2025 - 05:45

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ގޭބީސީތަކުގެ މީޓަރުތަކުގެ ރީޑިން ނަގަން ފަށައިފިއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) ހުސެން ފަހުމީ ވިދާޅުވީ 350 އެއްހާ މުވައްޒަފުނާއެކު މިއަދު ހުރިހާ މީޓަރުތަކުގެ ރީޑިން ނެގޭނެ ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ މީޓަރެއްގެ ރީޑިން ނުނެގޭނަމަ، މާދަމާ ހެނދުނު ވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން ރީޑިން ނަގަން ހަމަޖެހިފައިވަނީ މީޓަރުތަކުގެ ފޮޓޯ ނަގައިގެން، އޭއައި ޓެކްނޮލޮޖީގެ އެހީގައި މީޓަރުތަކުގެ ރީޑިންނާއި މީޓާރ ނަންބަރު ދެނެގަނެގެން ކަމަށާއި، ރީޑިންތަކުގައި އެއްވެސް ކުށެއް އެކުނުލެވޭނެކަމުގެ ޔަގީންކަން އެމްޑީ ވަނީ ދެއްވާފައެވެ. އަދި ޑިސްކައުންޓު ލިބިގެންދާނީ މުޅި ރޯދަ މަހުގެ ބިލުން ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.
އަޅުގަނޑުމެން ހަމަ ޔަގީން ކުރަން ބޭނުން ރައީސްގެ ވައުދުފުޅު ހަމަ އަކުރުން އަކުރަށް ތަންފީޒްކުރަން. އެހެންވެގެން މިއަދު މި ރީޑިން ނަގަނީ-ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ
އެހެންކަމުން ސްޓެލްކޯގެ އަމާޒަކީ މި މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރުން ކަމަށާއި، ކޮންމެ ބޭފުޅަކަށް ވެސް ބިލް ލިބިވަޑައިގަތުމުން މީޓަރުގައި ހުރި އަދަދާއި، ރީޑިންނާއި ބިލް ދިމާވޭތޯ ބެއްލެވުމަށް ފަހުމީ ވަނީ އެދިފައެވެ.
ރޯދަ މަހު ކަރަންޓު ބިލުތަކުން ޑީސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއަހަރުވެސް ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ އެންމެ މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވި އެއް އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.