logoEN
ޚަބަރު

ފަނޑިޔާރުންގެ އަދަދު ކަނޑައަޅަން އިސްލާހު ގެނައުމަކީ ރައީސްގެ ނިންމެވުމެއް ނޫން: ފަލާހް

އާމިނަތު ސަފާއާމިނަތު ސަފާ

06 މާރިޗު 2025 - 06:13

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ޤާނޫނަށް އިސްލާހު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަލާހު ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން ވެރިކަން ކޮށްފައިވާ ބައެއްވެރީން ރާއްޖޭގެ ފަނޑިޔާރުގެއަށް އަތާއި، ފަޔާއި ބާނައިގެން އުޅުނުކަން ނުދަންނަ ބަޔަކު ރާއްޖޭގައި ކީއްކުރަން މުޅިދުނިޔޭގައިވެސް އުޅޭނެ ހެން ހީނުވާކަމަށެވެ.

އެމް.ޑީ.ޕީ ގެ ފުރަތަމަ ވެރިކަމުގައި، ޖިނާޢި ކޯޓުގެ ފަނޑިޔާރަކު އޭނާގެ ގޭގައި ޢާއިލާއާއި އެކު އިންނަވަނިކޮށް ސިފައިން ބަރުހަތިޔާރާއި އެކު ނަޝީދުގެ އޯޑަރަށް އެފަނޑިޔާރު އުފުރާލާ، މިލިޓަރީ ފެސިލިޓީ އެއްގައި ބަންދުކޮށް ޢާއިލާއަށް ވެސް ފަނޑިޔާރު ވީ ތަނެއް އަންގާނުލާ އުޅުނު ހަނދާން ހަމަ ނެތީ ބާ ވައެވެ!؟ 2010 ގައި ފަނޑިޔާރުންގެ ޤާނޫނު ވުޖޫދުވުމާއި އެކު، އެކުލަވާލި ދާއިމީ ސްޕްރީމް ކޯޓަށް 7 ފަނޑިޔާރުން ހަމަކުރިއިރު ، އިންތިގާލީ ސްޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވީ ކިހިނެއް ހެއްޔެވެ؟

ފަލާހު ވަނީ 2014 ވަނަ އަހަރު ޕީޕީ އެމް ގެ ވެރިކަމުގައި ޔާމީންގެ ރޭވުމުގެ ދަށުން އޭރު އޮތް ސްޕްރީމް ކޯޓުގެ ޢަދަދު 5 އަށް ތިރިކޮށް، 2 ފަނޑިޔާރުން ދުރުކޮށް، ފަހުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގެ އަމުރާއި އެކު، މުޅި ސްޕްރީމް ކޯޓު ސިފައިންލައްވާ ހިޞޯރުކޮށް، ފަނޑިޔާރު ހުރަގެއަށް ލެއްވި ހަނދާން ނެތީތޯ ސުވާލުކުރައްވާފައެވެ.

2018 ގެ ރިޔާސީ އިންތިޚާބާއި 2019 ގެ މަޖިލީސް މެޖޯރިޓީ ކާމިޔާބު ކުރި، އެމް.ޑީ.ޕީގެ ދެވަނަ ވެރިކަން ފެށުމާއި އެކު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކޮށް، އެމް.ޑީޕީގެ ސިޔާސީ އެކްޓިވެސްޓެއްގެ ގޮތުގައި މަގުމަތީ ހަރަކާތްތަކުގައި 2004 ން ފެށިގެން އިސްކޮށް އުޅެމިންދިޔަ އަދި 2018 ގެ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުގެ ރަށްތަކުގައި އެމް.ޑީ.ޕީ ކެންޕޭން ޖަގަހަ ހުޅުވައި، ނާޗަރަންގީ ކުޅެހެދި ހުސްނުއްސުޢޫދަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަންދީ، 5 މެންބަރުންގެ ބެންޗު 7 އަކަށް އުފުލިކަން އެކަން ކުރިމީހުން ވެސް ހަނދާން ނެތުނީ ބާވައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ ޢައްލަބިއްޔަތު ލިބިފައި އޮތަސް ޝަރުޢީ ނިޒާމަށް އަތްބާނައި ފަނޑިޔާރުން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި، ރޫލް އޮފްލޯ އާއި ޚިލާފު ކަންކަން ނުކުރައްވާނެކަމަށާއި ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި ޢަމުދުން ދަމަހައްޓަން ޖެހޭ ކަމެެއްކަން ފަލާހު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުގޭގެ ޢަދަދު ކަނޑައަޅަން މަޖިލީހުން ޤާނޫނަށް އިޞްލާޙް ގެނައުމަކީ އެ މަޖިލީހަށް ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުން ލިބިދޭ މުޠުލަޤު ބާރެއްކަމަށްވީއިރު މިއީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫންކަމަށް ފަލާހު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް އިޚްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި އަދި ޢަދުލުވެރި ކަމާ އެކު ވެރިކަން ކުރައްވާ ރައީސެއްކަން ފާހަގަކުރައްވައި ސިފައިން ނެރެ ބަރުހަތިޔާރު ދައްކައިގެން ފަނޑިޔާރުން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުނަށް މަޖުބޫރުކޮށް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުއިއްޒު ނޫޅުއްވާނެކަމަށް ފަލާހު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކަމަށް ޖޭއެސްސީ އިން ވަނީ މިފަހުން ބުނެފައެވެ.

ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ކޮމިޝަނަށް ތަހުގީގީ އިދާރާއަކުން އަންގައިފި ނަމަ އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ އެވެ.

ކޮމެންޓް

871x217_placeholder