ރޯޔަލް އައިލެންޑްގައި އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ނައިބު ރައީސް ބައްދަލުކުރެއްވިކަމަށް ފެތުރި ޚަބަރަކީ ބޮޑު ދޮގެއް: ޤާސިމް
7 މާރިޗު 2025 - 17:32

ރޯޔަލް އައިލެންޑްގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ބައްދަލުކުރަށްވާ ސިއްރު ޑީލެއް ހެދިކަމަށްބުނެ ޔަވަރު.ކޮމް" ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ ބޮޑު ދޮގެއްކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ޤާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
ޤާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 މާރިޗް 2025 ދުވަހުގެ ‘’ ދިޔަވަރު.ކޮމް’’ ނަމުގައި ހިންގާ އޮންލައިންނޫހެއްގައި، ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި، ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ އާޓިކަލަކީ އެއްވެސް ހަޤީޤަތެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށެވެ.

Ad by Hajj Corporation
މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އިނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ ޢަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުންކަމަށް ޤާސިމް ވިދާޅުވެފަވެއެވެ.
އެ ޚަބަރުގައި ބުނެފައިވާ ގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، ޤާސިމް އިބްރާހީމް، އުއްތަމަ ފަނޑިޔާރު، އަދި މުޙައްމަދު ޝިހާބު ރޯޔަލް އައިލެންޑްގައި ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ފަހުން ރޯޔަލް އައިލެންޑަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ކުރެއްވި ދަތުރެއްގައެވެ.
މީގެއިތުރުން، ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި މުޙައްމަދު ޝިހާބު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް 2024 އަދި 2025 ވަނަ އަހަރު ރޯޔަލް އައިލެންޑަށް ވަޑައިގެންފައެއް ނުވެއެވެ.
ޤާސިމް އިބްރާހީމް ވަނީ މިފަދަ ދޮގު ޚަބަރުތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި "ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، ހަޤީޤަތެއް ނެތް ދޮގު ވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލްކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށް އޮތް ލައިސަންސެއް" ނޫންކަމަށް ވިދާޅުވެފައިވެއެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާފައިވެއެވެ.


