logoEN
ޚަބަރު

އަޒްމިރަލްދާގެ މައްސަލައިގެ ތަހުގީގު ގެންދިޔައީ ހުރިހާ ހައްގުތަކެއް ދީގެން: ޖޭއެސްސީ

އާމިނަތު ސަފާއާމިނަތު ސަފާ

12 މާރިޗު 2025 - 15:02

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް ހިންގި ތަހުގީގުގައި، ޖަވާބުދާރީވުމަށްޓަކައި ދޭންޖެހޭ ހުރިހާ ހައްގުތަކެއް އޭނާއަށް ދީފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަޒްމިރަލްދާ އާ ގުޅިގެން ޖޭއެސްސީން ބަލާ މައްސަލާގައި އޭނާގެ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ޖޭއެސްސީން ދީފައިނުވާ ކަމަށް އޭނާގެ ވަކީލުވަނީ އިއްޔެ މީޑިއާގައި ބުނެފައެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ބުނީ އަޒްމިރާލްދާއާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ އެންމެހައި ހައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރަށް ދެވިފައިވާކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އާއި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނޫ ގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން މައްސަލައިގެ ތަޙްޤީޤުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މައްސަލަ ރައްދުވާ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އެދުމުން، އެ ފުރުސަތު 06 މާރިޗު 2025 ގައި ފަނޑިޔާރަށް ދީ، ޤާނޫނީ ވަކީލެއްގެ ގޮތުގައި އަލްއުސްތާޛު އިބްރާހިމް ޝަމީލް އައްޔަނުކޮށްފައިވާނެކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

އަޒްމިރާލްދާއާ ގުޅޭގޮތުން ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް 11 މާރިޗު 2025 ގައި ޑރ.އަޒްމިރާލްދާ ޒާހިރާއެކު އެ ފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލް އަލްއުސްތާޛު އިބްރާހިމް ޝަމީލް ބައިވެރި ވަޑައިގެންފައިވާކަަމަށާއި އެހެންނަމަވެސް ތަޙްޤީޤުގެ މި އަޑުއެހުމަށްފަހު ޑރ.އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލް މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން ޖޭއެސްސީގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖުޑީޝަލް ސާރވިސް ކޮމިޝަންކަމަށްވީއިރު ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނޫ ގެ 25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ "ތަޙްޤީޤު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފްސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެކަމަށާއި އަދި މި މާއްދާގެ (ބ)ގައި "ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެކަން ބަޔާންވެފައިވާކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

ޖޭއެސްސީން ބުނީ ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވަކީލު ނޫންކަމަށާއި ޖަވާބުދާރީވާންޖެހޭނީ ފަނޑިޔާރުކަމަށެވެ. ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ޤާނޫނީ ލަފާދިނުންކަމަށާއި އެ ފުރުޞަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށްވެސް ދީފައިވާނެކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތުވެސް ތަކުރާރުކޮށް ދީފައިވާނެކަމަށާއި މިއީ މި ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަޙްޤީޤީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ޤާނޫނީ އުސޫލުކަން ޖޭއެސްސީންވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

871x217_placeholder