ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި


13 މާރިޗު 2025 - 09:47
އދ. ހަންޏާމީދޫގައި ހުންނަ ތާރީޚީ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމް އިޢުލާނުކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އަސަރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކުރުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ޒިޔާރަތް މަރާމާތުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތަކީ ހަންޏާމީދޫގައި ހުރި ކަލާފާނުގެ ޒިޔާރަތް މަރާމާތުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކަލާފާނު ޒިޔާރަތަކީ ދިވެހިރާއްޖޭގެ މުހިންމު ތާރީޚީ ތަނެކެވެ. މި ޒިޔާރަތް ނިސްބަތްވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަޠަލު، މުޙައްމަދު ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނަށެވެ. ކަލާފާނަށް ޒިޔާރަތް އެރުވުނީ އެއީ ދިވެހި ރަސްކަމުގައި އިންނެވި ފަރާތަކަށްވުމުގެ އިތުރުން ޝަހީދުކުރެވުނު ފަރާތަކަށްވެސް ވާތީއެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ މުހިންމު ތާރީޚީ ތަރިކައެއް ރައްކާތެރިކޮށް، އާބާތުރަފިލުވައި، އަދި ތަރައްޤީކުރެވިގެންދާނެއެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ހަންޏާމީދޫގެ ފަތުރުވެރިކަން ކުރިއަރައި، ރަށުގެ އިޤްތިޞާދަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.