logoEN
ޚަބަރު

ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަތައް އީސީ އަދި އެޗްއާރްސީއެމުން ކުށްވެރިކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

14 މާރިޗު 2025 - 08:27

ރައީސުލްޖުމްހޫރިއްޔ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ އެމްޑީޕީގެ މުޒާހަރާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންްމަ މަރްޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތައް އިލެކްޝަންސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން އިއްޔެ ރޭ ބޭއްވި އެއްވުމުގައި މަންދީ ވަނީ ރައީސްގެ ދަރިކަލުންނާ ގުޅުވައި ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީން ބޭއްވި މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަ ދައްކާފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައިވުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއްނޫން ކަން ފާހަގަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވެސް ގޮވާލާފައެވެ.

ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ޤާނޫނުއަސާސީއާއިކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުއާއި ކުޑަކުދިންގެ ހައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތަކުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެޗްއާރްސީއެމްއިންވަނީ ގޮވާލާފައެވެ.

މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder