logoEN
ޚަބަރު

ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ ހުޅުމާލޭގައި ގާއިމުކުރި އިންޖީނުގެ ހުޅުވައިފި

އާމިނަތު ސަފާއާމިނަތު ސަފާ

16 މާރިޗު 2025 - 06:24

ޕީކް ސީޒަނާ ދިމާކޮށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭތީ ހުޅުމާލޭގައި ޤާއިމުކުރި އިންޖީނުގެ ހުޅުވައިފިއެވެ.

ހުޅުމާލެ އިންޖީނުގެ އެނެކްސް- 2 ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާއެވެ.

މީގެ އިތުރުން އެ އިންޖީނުގޭގައި މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ސްޓާޓްކޮށްދެއްވާފައިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން މި ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.

އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރު ކުރުމާއި، ހުޅުމާލޭގެ އެނެކްސް 1 އިންޖީނުގެ (ބައު އިންޖީނުގެ) އިން ކާނުތަކެއް އެ ބިމާހަމަޔަށް ތައްޔާރުކޮށް، އެ ކާނުތައް މެދުވެރިކޮށް ފިއުލް ލައިން އެޅުމާއި، ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް މި އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތައް ހޭދަވީ ނުވަ ވަރަކަށް ދުވަސް ކަމަށެވެ.

އަދި މި މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބެއްލެވިކަމަށާއި، މި މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައްނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވި ކަމުގެ މައުލޫމާތު ލިބިލެއްވި ކަމަށާއި، އެ ހުރިހާ ކަމަކަށްޓަކައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުންކޮށްފައިވާކަން ފަހުމީ ވަނީ ފާހަގަކޮށްފައެވެ.

މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް އަބަދުވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމަށް. އެގޮތުން މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ނަމަވެސް އެފަދަ ހާލަތެއްގައިވެސް، ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށާއި އެކަމަށްޓަކައި އެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާކަމަށް ފަހުމީ ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މި މަސައްކަތުގައި އިސްކޮށް އުޅުއްވި ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒް ވިދާޅުވީ، ރޯދަ މަހު މި މަސައްކަތް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ރެއާއި ދުވާލު ދައްކާފައިވަނީ އާދަޔާއި ހިލާފު ހިތްވަރެއް ކަމަށާއި، ރޯދައަށްތިބެ ދުވާލުގެ އެންމެ ހޫނުގަދަ ގަޑީގައިވެސް ބޮލަށް ފެންކޮޅެއް އަޅާލައިގެން، މުވައްޒަފުން އެ ދެއްކީ ކުންފުނީގެ ކޯ-ވެލިއުސްތަކުގެ ތެރޭގައި ހިމެނޭ އެކްސެލެންސާއި ޓީމްވޯކްގެ ވަރުގަދަ ނަމޫނާއެއް ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ފްލެކްސިބިލިޓީ އިތުރުވެގެންގޮސްފައިވާ ކަމަށާއި، ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފައެވެ. އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ގްރޭޓާމާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް

871x217_placeholder