ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
20 މާރިޗު 2025 - 06:25

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ހއ. ހދ އަދި ށ އަތޮޅުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެ ގޮތުން ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި، ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި، ޙަވާލުކުރުމަށް މިނިސްޓްރީއާއި، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާއާ ބެހޭ މަޢުލޫމާތު އިއްޔެ މެންދުރު އޮންލައިންކޮށް، ވުޒާރާއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފައެވެ.

Ad by Hajj Corporation
އޮންލައިންކޮށް އިއްޔެ ބޭއްވި މި ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން 1ގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން މިނިސްޓްރީގެ ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޕްލޭނިންގ ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، ޕާރމަނަންޓް ސެކްރެޓަރި ޑރ. ފާޠިމަތު މުނާ ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކައުންސިލްތަކުން ކުރެއްވި ސުވާލުތަކަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ޖަވާބުދެއްވިއެވެ. އިއްޔެ ވަނީ ހއ، ހދ އަދި ށ. އަތޮޅުގެ ހުރިހައި ކައުންސިލް ފަހުމުނާމާ ފޮނުވިފައެވެ. އުންމީދު ކުރެވެނީ ވަރަށް އަވަހަށް މި ފަހުމުނާމާތަކުގައި ސޮއިކުރެވި އެ ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.


