އީދަށް ދިއްލުމުގެ މަސައްކަތްތައް ބައެއް ރަށްތަކުގައި ފެށިއްޖެ
24 މާރިޗު 2025 - 07:35

ޢީދު އަލިންް އަތޮޅުތެރެ ދިއްލައިލުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މާލެއަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮލު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅުގެ ބައެއް ރަށްތައް ދިއްލުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

Ad by Hajj Corporation
އއ. ރަސްދޫގައި ލައިޓް ހަރުކުރުމުގެ މަސައްކަތް މީގެ ދެތިން ދުވަސް ކުރިން ފެށިގެން އަންނަނީ ކުރަމުންނެވެ. ގާތްގަނޑަކަށް މަސައްކަތް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
އދ. މަހިބަދޫގެ މަސައްކަތް މިއަދު ފެށޭނެ ކަމަށާއި، މުލީގެ މަސައްކަތް ލަސްވެގެން އަންގާރަދުވަހު ފެށޭނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ކ. ތުލުސްދޫއާއި، ފ. ފެލިދޫގެ މަސައްކަތް މިއަދު ފެށޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ކުލަސްޓަރ 3 ގައި ހިމެނޭ ރަށްތަކުން މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫއާއި، ކ. މާފުށްޓާއި، އއ. ތޮއްޑޫއާއި، އއ. އުކުޅަހާއި، އދ. މާމިނގިއްޔާއި، އދ. އޮމަދޫއާއި، ވ. ފުލިދޫއާއި، ވ.ކެޔޮދޫއާއި، މ. މުލަކާއި އަދި މ. ކޮޅުފުށްޓެވެ.
އަލަށް ދިއްލާ ރަށްތައް ދިއްލުމަށް ބޭނުންވާ ލައިިޓާއި، ގިޑިގެއާއި އަދި ސައުންޑް ސްޕީކަރުތައް މިއަދު ރަށްރަށަށް ފޮނުވާ ގޮތަށް ވަނީ ހަމަޖެގިފައެވެ. ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.
މީގެ އިތުރުން ކްލަސްޓަރ 1 ގައި ހިމެނޭ ހއ. ދިއްދޫގައި މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާ އިރު، ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
އެންމެ އުތުރުގެ 3 އަތޮޅުން އަލަށް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި، ސްޕީކަރުތައް މިއަދު ފޮނުވާނެކަމަށް ވުޒާރާގެ "ޢީދު ލައިޓު" ކޮމިޓީން މަޢުލޫމާތު ދެއްވައެވެ.
ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ދިޔަ އަހަރެވެ.


