ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ރައީސް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް


20 މާރިޗު 2025 - 15:40
ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،ބައްލަވާލައްވައިފިއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުކޮށްފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްޞަ ޕްލާންޓެއް ތަރައްޤީ ކުރުން ހިމެނެއެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއު.ޓީ.އީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތަޢާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ. މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތާ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ވަނީ އޮޅުންފިލުއްވާފަ އެވެ.
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެނެސްފައިވާ ބަދަލްތަކަށް ބަލާއިރު ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދައެވެ. އަދި ޖާގައިގެ ބޭނުން، އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައެވެ. ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، 1 ދުވަހުން 1 ގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، 3 ދުވަހުން، 5 ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ.
މީގެ އިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްޤީކޮށްފަ އެވެ.
މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން