އިސްތަންބޫލުގެ މޭޔަރު ހައްޔަރުކުރުމާ ގުޅިގެން ކުރާ މުޒާހަރާތައް ކުރިއަށް
21 މާރިޗު 2025 - 06:44

އިސްތަންބޫލުގެ މޭޔަރު އެކްރަމް އިމަމޮގުލް ހައްޔަރުކުރުމާ ގުޅިގެން ތުރުކީވިލާތުގައި ކުރާ މުޒާހަރާތައް ރޭ ވެސް ކުރިއަށް ގެންގޮސްފިއެވެ. ރެއަކީ މި މުޒާހަރާތައް ކުރިއަށްދިޔަ ދެވަނަ ރެއެވެ.
މި މުޒާހަރާތައް ކުރިއަށް ގޮސްފައިވަނީ ކޮރަޕްޝަނާއި ޓެރަރިޒަމްގެ ތުހުމަތުގައި އިމަމޮގުލު ހައްޔަރުކުރުމާ ގުޅިގެންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ އިސްތަންބޫލުގެ ސިޓީ ހޯލުގައި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އަންކާރާ, އިޒްމިރު އަދި އަދާނާގައިވެސް މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިމަމޮގުލް ހައްޔަރުކޮށްފައިމިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާނުކުރިތާ ގިނަ ދުވަސްތަކެއްނުވެއެވެ. އޭނާއާއެކު އޭނާއަށް ތާއީދުކުރާ ނޫސްވެރިންނާއި، ވިޔަފާރިވެރިންނާއި، އިސްތަންބޫލު މުނިސިޕަލްޓީގެ މުވައްޒަފުންތަކެއްވެސް ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.
އިމަމޮގުލްއަކީ ސެކިއުލަރ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ މެންބަރެކެވެ. އަދި އޭނާއަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންގެ ވަރުގަދަ ވާދަވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އިމަމޮގުލްގެ މައްޗަށް ރިޝްވަތު ހިފުމާއި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއި އަމިއްލަ މަންފާއަށް ޓަކައި ޤާނޫނާ ޚިލާފަށް މަޢުލޫމާތު ހޯދުމުގެ ތުހުމަތުތައް ކުރެވެއެވެ. މީގެ އިތުރުން ކުރްދިސްތާން ވޯކަރސް ޕާޓީ (ޕީކޭކޭ)އާ ގުޅިގެން މުނިސިޕަލް އިންތިޚާބުގައި މަސައްކަތްކުރި ކަމުގެ ތުހުމަތުވެސް ކުރެވެއެވެ. އިމަމޮގުލްގެ މައްޗަށް 2022 ވަނަ އަހަރުން ފެށިގެން ކުރެވެމުންދާ ތުހުމަތުތަކެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި މުޒާހަރާތައް މި ހަފްތާ ބަންދުގައިވެސް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
އިމަމޮގުލް ހައްޔަރުކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔަރްލިކާޔާ ވިދާޅުވީ އިމަމޮގުލް ހައްޔަރުކުރި ފަހުން 24 ގަޑިއިރު ތެރޭގައި 18.6 މިލިއަން ޕޯސްޓް ސޯޝަލް މީޑިއާގައި ކޮށްފައިވާކަމަށާއި މީގެ ތެރެއިން 261 އެކައުންޓަކުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި ކަމަށް ބުނެ 37 މީހަކު ފުލުހުން ހައްޔަރުކޮށްްފައިވާކަމަށެވެ.
މި ހާދިސާއާ ގުޅިގެން ތުރުކީވިލާތުގެ ޔުނިވަރސިޓީއަކުން ވަނީ ސައްހަ ނޫން ތައުލީމީ ސަނަދެއް ގެންގުޅޭކަމަަށް ބުނެ އިމަމޮގުލްގެ ޑިގްރީ ބާތިލުކޮށްފައެވެ. މި ކަމުގެ ސަބަބުން އޭނާއަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.

Ad by Hajj Corporation
މިކަމުގެ ސަބަބުން ތުރުކީވިލާތުގެ ސިޔާސީ މަސްރަޙުގައި ބޮޑު ހަލަބޮލިކަމެއް އުފެދިގެން ދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.


