ރަށެއްގެ އިޤްތިޞާދު ކުރިއަރާނީ ބޭންކިންގެ ޚިދުމަތްތައް ފަސޭހަވެގެން - މިނިސްޓަރ


24 މާރިޗު 2025 - 08:57
ރަށެއްގެ އިޤްތިޞާދު ކުރިއަރައިދާނީ ވިޔަފާރީގެ ކަންކަމަށް ފަސޭހަވާނެހެން ބޭންކިންގެ ޚިދުމަތްވެސް އެރަށަކުން ލިބިގެން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. މާރަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މީގެ ކުރިން ކިތަންމެ ކުޑަ ފައިސާއެއް ޖަމާކުރުމަށް އަދި ނެގުމަށްވެސް މާރަންދޫގެ ރައްޔިތުން ދާންޖެހެނީ ބޮޑު ޚަރަދުކޮށްފައި އެހެން ރަށަކަށްކަން ފާހަގަކުރައްވަމުން މާރަންދޫގައި އޭޓީއެމް ބެހެއްޓުމުން ބޮޑު ޚަރަދުކޮށްފައި މީގެ ކުރިން ދިއްދޫއަށް ދާންޖެހޭ ދިއުން ނިމުމަކަށް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިކަން ހާސިލްކުރެވިފައިވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅުގައ ފަތުރުވެރިކަމުގެ އިތުރު މަންޒިލްތައް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ފަހިވާގޮތަށް ހއ. އަތޮޅުގެ އެކި ސަރަޙައްދުތަކާއި ހދ. އަދި ށ.އަތޮޅުގެ އެކި ރަށްރަށުގައި ނުވަތަ ފަޅުގައި ޓޫރިސްޓް ރިސޯޓް ހެދިގެން ދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރެވުމުން ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ލިބުމަކީ ފަސޭހަވެގެން ދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.