އިޙްޔާ ފޯރަމް މިރޭ ރ. މީދޫގައި، ތަޤުރީރު ކުރައްވާނީ ޝައިޚް ޢާޒިމް ޚާލިދު

މިރޭ އިޙްޔާ ފޯރަމް ރ. މީދޫގައި، ތަޤުރީރު ކުރައްވާނީ ޝައިޚް ޢާޒިމް ޚާލިދު -- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

25 މާރިޗު 2025 - 14:41
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މިރޭ ރ. މީދޫގައި އޮންނާނެއެވެ.
މިރޭގެ އިޙްޔާ ފޯރަމްއަކީ ވުޒާރާއާއި މީދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމްއެކެވެ. މިރޭގެ ފޯރަމްގައި "ނަމާދަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އައްޝައިޚް އާޒިމް ހާލިދުއެވެ.
މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 ގައެވެ. މި ފޯރަމް ވުޒާރާގެ ފޭސްބުކް ޕޭޖުންނާއި މުންނާރު ޓީވީން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1500 ރުފިޔާގެ ގިފްޓު ކާޑެއް، ދެވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1000 ރުފިޔާގެ ގިފްޓު ކާޑެއް، ތިންވަނައަށް ދާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 700 ރުފިޔާގެ ގިފްޓު ކާޑެއް އަދި ހަތަރުވަަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 500 ރުފިޔާގެ ގިފްޓު ކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.
މި ރަމަޟާން މަހު މާލޭގައި އަށް އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ ޔަތް ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހަ ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.