ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ
28 މާރިޗު 2025 - 06:45

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މި އަންނަ ހޮނިހިރުދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިިން ބުނެފިއެވެ.
ޑީޖޭއޭ އިން ބުނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ އޮންނާނެ ކަމަށާއި އެކަމަށްޓަކައި މާދަމާ ހަވީރު 05:30 އިން ފެށިގެން ޑީޖޭއޭ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް، ރަށު ކައުންސިލް އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

Ad by Hajj Corporation
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައިކަމަށާ، އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓުކޯޓްގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ޑީޖޭއޭ އިން ބުނީ ހަނދުފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު، ގާތްގަނޑަކަށް ހަނދުހުރި އުސްމިނާ، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދިނުމަށް އެދޭ ކަމަށެވެ.
ހަނދާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް މާލޭގައިނަމަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓެއް ނެތް ރަށެއް ނަމަ ރަށުކައުންސިލް އިދާރާއަށް ގުޅުމަށްވެެސް ޑީޖޭއޭ އިން އެދިފައިވެއެވެ.
ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ބަރަކާތްތެރި ފިތުރު އީދު ދުވަހަކީ އާދިއްތަދުވަހެވެ.


