ޔަހޫދީން ލުބުނާންގެ ވެރިރަށް ބެއިރޫތަށް އަނެއްކާވެސް ހަމަލާދީފި
1 އޭޕްރީލު 2025 - 07:33

ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން އަނެއްކާވެސް ހަމަލާދީފިއެވެ. މިއީ ހަފްތާއެއްގެ ތެރޭގައި އިސްރާއީލުން ބެއިރޫތަށް ދިން ދެވަނަ ހަމަލާއެވެ. މި ހަމަލާގައި 3 މީހުން މަރުވެ، 7 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ.
އަންގާރަ ދުވަހުގެ ފަތިހު ބެއިރޫތުގެ ދެކުނު ސަރަހައްދު ދަހިޔާއަށް ދިން މި ހަމަލާއަކީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ދިން ހަމަލާއެކެވެ. ޔަހޫދީ ސިފައިން ބުނެފައި ވަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުﷲގެ މެންބަރަކަށް ކަމަށެވެ. ނަން ހާމަކޮށްފައިނުވާ މި މެމްބަރު ދިޔައީ ހަމާސް ޖަމާއަތާއެކު ޔަހޫދީ ވަޒަންވެރިންނަށް ހަމަލާދިނުމަށް ރާވަމުންކަމަށް ޔަހޫދީން ވަނީ ބުނެފައެވެ.
މި ހަމަލާއަކީ ނޮވެމްބަރު މަހު ހިޒްބުﷲއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސްރާއީލުން ބެއިރޫތަށް ދިން ފުރަތަމަ ހަމަލާއެވެ. އެ އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ އެއްގަމު ސިފައިން ދެކުނު ލުބުނާނުން ފައިބަންޖެހެއެވެ. އަދި ހިޒްބުﷲ ގެ ހަނގުރާމަވެރިން ލިޓާނީ ކޯރުން އުތުރަށް ޖެހެންޖެހެއެވެ.
އިސްރާއީލުން އަންނަނީ ދެކުނު ލުބުނާނުގެ ފަރުބަދަމަތީ ސަރަހައްދުތަކުން ޔަހޫދީ ސިފައިން ބޭލުމަށް ދެކޮޅު ހަދައި ހިޒުބުﷲ ހަނގުރާމަވެރިންނަށް އަމާޒުކޮށްކަމަށްބުނެ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ލުބުނާނަށްވެސް ހަމަލާތައް ދެމުންނެވެ.
އެމެރިކާއިން ލުބުނާނަށް ވެސް ހަމަލާތައް ދެމުން އަންނަނީ އެމެރިކާގެ ތާއީދާއެކުގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ އެމެރިކާއިންވަނީ ސީރިއާއާއި ފަލަސްތީނުގެ ހުރިހާ ހިސާބުތަކަކަށް ހަމަލާދިނުމުގެ ހުއްދަ ޔަހޫދީންނަށް ދީފައެވެ. އަދި އެކަމަށް ބޭނުންވާ ހަތިޔާރުވެސް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް އެ ފަރާތްތަކުން ބުނެއެވެ.

Ad by Hajj Corporation
ފަލަސްތީނުގެ ބިންތަކާއި އެ ބިންތަކުގެ ކައިރީގައިވާ ލުބުނާނާއި ސީރިއާގެ ބިންތަކަށް ހަމަލާދިނުމަކީ ޔަހޫދީން ޣައްޒާގައި ފަށާފައިވާ ގަތުލުއާއްމު މުޅި އެހިސާބަށް ފުޅާކުރުމުގެ ކޮޅުމަތިކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ބުނެއެވެ.