logoEN
ރިޕޯޓް

ތަޢުލީމީ ފެހިފަހި ޤައުމެއް ބިނާކުރުމަށް މި ކުރަނީ އެންމެ ބޮޑު ޤައުމީ އިންވެސްޓްމަންޓެވެ.

މުހައްމަދު މޫސާމުހައްމަދު މޫސާ

11 އޭޕްރީލު 2025 - 09:55

އެނގުމާއި ނޭގުމުގައި ވަރަށް ބޮޑު ތަފާތެއްވެއެވެ. ޤައުމެއްގެ ނިސްބަތުންނަމަ، ޤައުމެއްގެ ރައްޔިތުންނަށް ނިންމޭނެ އެންމެ ބުއްދިވެރި ނިންމުމަކަށްވާނީ ތަޢުލީމީ، ޤާބިލު، ތަޖުރިބާހުރި ވެރިޔަކު އިޚްތިޔާރުކުރުމެވެ. ދިވެހިން ޑިމޮކްރަސީއަށް އަލިވިލި މިކުރާ ދަތުރުގައި ދެވަނަ ޖުމްހޫރިއްޔާއެއްގެ ފަސް ވަނަ ރައީސާއި އަރާ ހަމަކުރެވުނުއިރު ހުރިހާ ދިމާއަކުން ވެސް ''އިނގުމުގެ'' ތަފާތު އެބަފެނެއެވެ. ''ތަޖުރިބާ''ގެ ތަފާތު އެބަފެނެއެވެ. ''ޢިލްމް''ގެ ތަފާތު އެބަފެނެއެވެ. ''ޤާބިލްކަމުގެ'' ތަފާތުވެސް އެބަފެނެއެވެ. އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ، އިސްވެ ދެންނެވި ހުރިހާ ސިފައެއް ފުރިހަމަ ހަމައެކަނި ރައީސެވެ. އެއީ ކުރީގެ ރައީސުންނަށް ދެންނެވޭނެ ބަދު ބަހަކަށް ނުވާނެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ މަދު ދުވަސްކޮޅަކުގައި، ތަހައްމަލުކުރަމުންދާ، ވާރުތަވި މާލީ ދަތިކަމާއެކުވެސް މަސައްކަތްޕުޅު މީޒާން ކުރަށްވާފައި ވަނީ ވަރަށް އެނގިވަަޑައިގެން ހުންނަވައެވެ. އޭގެ މިސާލު ބައިވަރެވެ. ނަމަވެސް މިތާނގައި މި އަލި އަޅުވާލަކީ އެމަނިކުފާނުގެ ތަޢުލީ ސިޔާސަތުން ތަންކޮޅަކަށެވެ.

ތަޢުލީމަކީ ޤައުމެއްގެ ކުރިމަގަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓް މަންޓް

ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ތަޢުލީމަކީ ޤައުމެއްގެ ކުރިމަގަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓް މަންޓް ކަމަށެވެ. އެއީ އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާތީއެވެ. ދުޅަހެޔޮ ތަޢުލީމީ ޖީލެއް ބިނާކުރެވުމަކީ ތަރައްގީއާއި ތަމައްދުންގެ ތަޅުދަނޑިކަން އެނގިވަޑައިގަންނަވާތީއެވެ. ހަކަތަހުރި އިގްތިސާދެއްގެ މައި ބަދަ ބިނާވެގެން އަންނާނީ ވެސް ތަޢުލީމީ މުރާލި ޖީލެއް ލިބިގެންކަން އެނގިވަޑައިގަންނަވާތީއެވެ.

''އަޅުގަނޑުމެން އެންމެން އެކުގައި ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ ޢަޤީދާގެ މަތީގައި ތިބި، ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް އަށަގަނެފައިވާ ދިވެހި ލޮބުވެތި ދަރިންތަކެއް ޤައުމުގެ މުސްތަޤްބަލާ ހަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާކުރުމުގައި އަޅުގަނޑުމެން އެންމެން އެކުގައި، އެއް ރޫޙެއްގައި ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލަކީ ވަރަށް އުޖާލާ މުސްތަޤްބަލެއް.'' 7 ޑިސެމްބަރު 2024 ގައި މާލޭ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.

undefined

ކުރިމަގަށް އިންދަވާ އޮށެއް، ޙަޤީޤީ ފޮނިމީރުކަން ލިބުން ކުރިމަގަށް

ރައީސްގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އިންދަވާ ކޮންމެ އޮށެއް ނިރުލައި، ހެދިބޮޑުވެ، މޭވާ އަޅައި ފައްކާވުން އޮތީ ކުރިމަގުގައެވެ. މާނައަކީ މިއަދު އެމަނިކުފާނު އެ އިންދަވާ އޮށްތަކަކީ އަންނާން އޮތް ޖީލުތަކަށް، އެހެން މީހުންނަށްޓަކައި އިންދަވާ އޮއްތަކެއް ކަމަށްވުމެވެ. އެ އޮތްތަކުން ހެދިފޯއްދޭ ގަސްތަކުގެ ހިޔާ ލިބިދެވޭއިރު، ފެންނާނީ ބުންވަރުހުރި، ތަޢުލީމީ، އަމިއްލަ ފައިމަތީގައި ފުދުންތެރިކަން ބިނާކޮށްފައިވާ ތަޢުލީމީ ޒަމާނެކެވެ.

''އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޢަޒުމަކަށް ވާންވީ، އެ މީހެއްގެ ހަޔާތުގައި، އަދި އެ މީހެއްގެ ފަރާތުން އަނެކުންނަށް ކަމެއް ކޮށްދިނުމުގައި، އަދި އެ މީހެއްގެ ފަރާތުން މުޖުތަމަޢަށް ކަމެއް ކޮށްދިނުމަށް، އަދި އެ މީހެއްގެ ފަރާތުން ޤައުމަށް ކަމެއް ކޮށްދިނުމުގެ ޢަޒުމުގައި މަސައްކަތް ކުރުން. މި މޮޓޯއާ އެއްގޮތަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރުމަށް ޢަޒުމު ކަނޑައެޅުން. އޭރުން އިރާދަކުރެއްވިއްޔާ، ﷲގެ ކާމިޔާބީ އޮންނާނީ ދާދި ގާތުގައި. އެގޮތަށް މަސައްކަތް ކުރުމުން، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައްވެސް އަޅުގަނޑުމެންނަށް ހައްލުކުރެވޭނެ. ތަޢުލީމީ ހަޔާތް، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރެވޭނީވެސް.'' -ރައީސް މުޢިއްޒު-

މަޖީދިއްޔާ ސްކޫލްގެ "ސައްތަވީ ބިނާ" އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި 25 އޯގަސްޓް 2024 ގައި ރައީސް ދެެއްކެވި މި ވާހަކަފުޅުން ދެނީ އަގުހުރި ވަރުގަދަ މެސެޖެކެވެ.

ފާއިތުވި އަހަރުތަކުގައި ތަޢުލީމީ ދާއިރާއަށް އިހްމާލް، އޭގެ ގެއްލުން ފޫބައްދަން އެތައް މަސައްކަތެއް ކުރަން ޖެހިފައި

މިއަހަރު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ މަސައްކަތްތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ނަޒަރުކުރަށްވައި ރައީސް ވިދާޅުވި އަންނިވި ވާހަކަފުޅުން، އެމަނިކުފާނު ފެއްޓެވި މުހިންމު، ބުރަ މަސައްކަތްޕުޅު ކުލަވެގެން އާދެއެވެ.

''ޤައުމު އާރާސްތުކޮށް ދެމެހެއްޓެނިވި ގޮތަކަށް ބިނާކުރެވޭނީ، ޤައުމުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެވިގެން. ލޮބުވެތި ދިވެހި ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް. ތަހުޒީބު މުޖުތަމަޢެއް ބިނާކުރަން ވަރަށް ބޮޑަށް ބޭނުންވާ ރައްޔިތެއް. އެހެންނަމަވެސް، ޙަޤީޤަތަކީ ފާއިތުވެދިޔަ އަހަރުތަކުގައި ތަޢުލީމުގެ ދާއިރާއަށް ވެފައިވާ އިހުމާލަކީ، އޭގެ ގެއްލުން ފޫބައްދަން އެތައް މަސައްކަތެއް ކުރަން ޖެހިފައިވާ ކަމެއް.'' ރައީސް މުޢިއްޒު

ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ދަރިވަރުންގެ ކިޔެވުމުގެ އެންމެ މުހިންމު މަރުޙަލާ ކަމުގައިވާ، ޕްރައިމަރީ ގްރޭޑްތަކުގެ ނަތީޖާ ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ދަށްވެފައެވެ. އެހާލަތު ބާޔަންކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ދަރިވަރުންގެ ވިސްނުމާއި، ކްރިޓިކަލް ތިންކިންގއަށް މަގުފަހިކުރުމަށް ބޭނުންވާ ހިސާބު މާއްދާގެ ކީ ސްޓޭޖް 1ގެ ނޭޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސްގެ ނަތީޖާއަށް ބަލާއިރު، ފާސްވާ އިންސައްތަ 2015 ވަނަ އަހަރު ހުރީ 58 ގައެވެ. ނަމަވެސް، 2023 ވަނަ އަހަރު ދަރިވަރުންނަށް ދެވުނު އިމްތިހާނުން، މި މުހިންމު މާއްދާއިން ފާސްވާ އިންސައްތަ ހުރީ 46 އިންސައްތައިގައެވެ. މި މުއްދަތުގައި ދިވެހި މާއްދާގެ ނަތީޖާ ވަނީ 62 އިންސައްތައިން 40 އިންސައްތައަށް ދަށްވެފައެވެ. އަދި، އިނގިރޭސި މާއްދާގެ ނަތީޖާއަށް އިތުރު ކުރިއެރުމެއް ނުލިބި، 54 އިންސައްތައިގައި ވަނީ ހިފެހެއްޓިފައެވެ.

ޕްރައިމަރީ އެޑިޔުކޭޝަނަކީ، އޭގެމައްޗަށް ދަރިވަރުންގެ ކިޔެވުން ބިނާވާ މައިގަނޑު މަރުޙަލާ ކަމަށްވާހިނދު، މި މަރުޙަލާގެ ކިޔެވުން ހަރުދަނާ ކުރުމަކީ، މި ނަތީޖާތައް ރަނގަޅު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން ފަންނީ ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން މިހާރު ކުރަމުން. ގެންދަވާއިރު، މީގެ ތެރޭގައި، ދަރިވަރުން ބޭނުންކުރާ ކޮންޓެންޓް ރިވައިސްކުރުމާއި، މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް، މި އަހަރުގެ ޖަނަވަރީ މަހު ވަނީ ފަށައިފާއެވެ.

undefined

މުދައްރިސުންގެ އަގު ވަޒަންކޮށް ފަހި މާހައުލެއް

ފާހަގަކޮށްލެވޭކަމަކީ، މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިން. މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމާއި، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން، މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލްގައި ހޭދަކުރާ މަސައްކަތުގެ ވަގުތު، ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް، ހުކުރު ދުވަހަކީ ސްކޫލްތަކުގައި އާންމުކޮށް ހަރަކާތްތައް ނުހިންގާ ދުވަހެއްގެ ގޮތުގައި ފުރަތަމަފަހަރަށް ވަނީ ކަނޑައަޅުއްވާފައެވެ. މި ސަރުކާރުން މިކަން ތަންފީޒު ކުރަމުން އަންނައިރު، މިކަމުގެ ހެޔޮ ނަތީޖާ ދަނީ ފެންނަމުންނެވެ.

މީގެއިތުރުން، ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިންގެ ޚިދުމަތް، މުދައްރިސުންނަށްވެސް ބޭނުންކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސައި ދެއްވާފައެވެ.

undefined

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް

ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި، މިދިޔަ އަހަރު މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށާފައިވާއިރު، މި ޕްރޮގްރާމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުންކަން ރައީސް ވަނީ ވިދާޅުވެފައެވެ. ތަޢުލީމީ ދާއިރާގައި ދިވެހިރާއްޖޭގެ މުދައްރިސުން އިތުރުކުރުން. 21 ސްކޫލަކުން ޖުމުލަ 135 ދަރިވަރުން ބައިވެރިވާ މި ޕްރޮގްރާމްގެ ބައިވެރީންނަކީ، މަތީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު ނުކުންނަ ދަރިވަރުންނެވެ.

ހަމައެއާއެކު، "ކޮމްޕްލެކްސް ލާރނިންގ ޕްރޮފައިލް"ގެ ކުދިން ޅަފަތުގައި ދެނެގަނެ، އުނގެނުމުގެ ތެރެއިން ދޭންޖެހޭ ސަމާލުކަމާއި އަޅައިލުމާއި، މުދައްރިސުންނަށް ދަސްކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށި، 7 އަތޮޅަކުން، 220 މުދައްރިސުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މި ސަރުކާރުން ތަމްރީނު ކޮށްފައެވެ.

މީގެއިތުރުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ގޮތްތަކަށް މުދައްރިސުން އަހުލުވެރިކޮށްދިނުމުގެ ގޮތުން، އިނގިރޭސި ބަސް ކިޔަވައިދޭ 380 ޓީޗަރުން، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތަމްރީނު ކޮށްފައިވެއެވެ.

undefined

ސްކޫލްތަކުގެ މާހައުލަކީ އުނގެނުމަށް ފަހި މާހައުލަކަށް

ސްކޫލްތަކުގެ މާހައުލަކީ އުނގެނުމަށް ފަހި، ދަރިވަރުންނަށް ހިތްގައިމު، އުފާވެރި މާހައުލަކަށް ހެދުމަކީ ރައީސް މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ސަރުކާރުގެ ހުރިހާ ސްކޫލެއް ފިނިކުރުމަށްޓަކައި، "ކޫލް ސްކޫލް ޕްރޮޖެކްޓް" ފަށާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ސްކޫލްތަކުގެ 3,700 އަށްވުރެ ގިނަ ކުލާސްރޫމް ފިނިކުރުމަށް ބޭނުންވާ އޭސީ، މި އަހަރު ފޯރުކޮށްދީ، މި އަހަރުގެ ތެރޭގައި މި މަޝްރޫޢު ނިންމަވަން ވަނީ އަމާޒު ހިފާފައެވެ. މުޅި މި މަޝްރޫޢުގެ ހަކަތައިގެ 100 އިންސައްތަ ސޯލަރ ހަކަތައިން ހޯދުމުގެ އަމާޒުވެސް މި އަހަރު ހާސިލުކުރުމުގެ މަސައްކަތް ފަށައި، އެކަން ހާސިލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

undefined

'' 3704 ވަރަކަށް ކްލާސްރޫމް، މުޅި ރާއްޖޭގައި މިހާރު ހުރި ޢަދަދަކީ. އަދި އިތުރުވެސް ކުރެވިގެން އެބަދޭ. މި ކްލާސްރޫމްތައް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަމާޒުކުރަނީ، ސެޕްޓެންބަރު މަސް ތެރެއަށް ދާންވާއިރަށްވެސް ކޮށްދެވޭތޯ. އެކަމަކު ގައިމުވެސް މި އަހަރު ތެރޭގައި އިނގޭތޯ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެ. މިހާރު ހަމަ އެކަމާބެހޭ ފަންޑިންގ އިޝޫއެއްވެސް ނެތް. ހަމަ ގަތުމުގެ ޕްރޮކިއުމަންޓްގެ ތެރޭގައި އެދަނީ. އަދި ބައެއް ތަންތަން، މިހާރު ގާތްގަނޑަކަށް 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ. އެކިއެކި ކްލާސްތަކުގައި. ދެން އޭގެތެރެއިން އެއްބައި އަދި އެއީ. މިހާރު 9000 ކޮންމެވެސްވަރެއް ޖުމްލަ މިދަނީ. އޭގެތެރެއަށް އެބަ އިތުރުކޮށްލަން މިހާރު މި ހޯލުތައްވެސް އިނގޭތޯ. އެއީ، ކުރިން އަޅުގަނޑު ވަޢުދުވީ ކަމެއްނޫން. ކްލާސްރޫމްތައް ފިނިކުރަން ނިންމީ. އެކަމަކު ހޯލުތައްވެސް ވަރަށް މުހިންމު. ހޯލްތަކުގައި ކުދިންގެ އެކިކަހަލަ އެކްވިޓީޒްތައް އެބައޮވޭ. އެއީ، ވަރަށް މުހިންމު މަރުކަޒަކަށް، އަނެއްކާ ގިނަ ރަށްތަކުގައި އެއީ، ހަމައެކަނި ސްކޫލްގެ ބޭނުމަކަށްވެސް ބޭނުންކުރާ ތަނެއްނޫން. ރަށުގައި ނުހުރޭ ރައްޔިތުން އެއްވެގެން އެއްވެސްކަހަލަ ހަރަކާތެއް، އިންޑޯ ހަރަކާތެއް ބޭއްވޭނެ ތަނެއްވެސް. ޖަލްސާއެއް ބާއްވާލަންވިޔަސް، ނޫނީވިއްޔާ އެހެންކަހަލަ ބައްދަލުވުމެއް ބާއްވާލަންވިޔަސް ހުންނަ ތަނަކީ، މަލްޓި-ޕަރޕަސް ހޯލް ގޮތަށް ހުންނަ ހޯލުތައް. އެހެންވީމާ، އަޅުގަނޑުމެން މިހާރު އެއަށް މި އިތުރުކޮށްލީ ހޯލުތައްވެސް.'' އިއްޔެ( 10 އޭޕްރިލް 2025 ) ގައި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފަވެއެވެ.

ސްކޫލްތައް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫޢުތަކެއް

ސަރުކާރުން ދަނީ މާލެ ސަރަހައްދުގައި، ސާނަވީ ތަޢުލީމުދޭ ސްކޫލްތައް އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި، އިތުރު ސްކޫލްތައް އެޅުމުގެ މަޝްރޫޢެއް، މި އަހަރު ފެށުމަށްޓަކައި ގިނަގުނަ ތައްޔާރީތައް ވަމުންނެވެ. އަދި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުގައި ސްކޫލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ 134 މަޝްރޫޢު މި އަހަރު ކުރިއަށްގެންދަން ނިންމާފައިވާއިރު، މީގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް މި މަހުގެ ތެރޭގައި ވަނީ ސަރުކާރުގެ ހަތަރު ކުންފުންޏަކާއި މިހާރު ހަވާލުވެސް ކޮށްފައެވެ.

undefined

މަތީ ތަޢުލީމަށް ބޮޑު ހޭދައެއް، ގިނަ ފުރުސަތުތަކެއް

ދިވެހި ދަރިވަރުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަކީ އަދި އެ ދަރިވަރުންގެ ޢިލްމީ ފައިދާ، ދިވެހި ޤައުމަށް ލިބުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ކިޔަވާކުދީންގެ ތަޢުލީމަށް ހުރިހާ އުމުރުފުރާއެއްގައިވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވެސް ވިދާޅުވެފަވެއެވެ.

އެގޮތުން، މިދިޔަ އަހަރު ޖުމުލަ 15,300 އަށްވުރެ ގިނަ ދަރިވަރުން، މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިއަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވާއިރު، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން، މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް، ކުރު މުއްދަތުގެ ތަމްރީނުތަކަށް 1,000 ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރަށް، ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ގްރާންޓް ފަންޑެއް ގާއިމުކޮށްފައިވާއިރު، ރިސަރޗް ކައުންސިލެއް އުފައްދައި، ރިސަރޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

undefined

ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ އިހްސާސްތައް ދަންނަ ވެރިއެއް

ރައީސް ރާއްޖެއިން ބޭރަށް ކުރަށްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއި، އެދަރިވަރުންގެ ހާލު އޮޅުން ފިލުއްވަވައެވެ. މިގޮތުން ދަރިވަރުން އެދޭކަންކަން ރާއްޖެ ވަޑައިގެން އޮންނަ އުސޫލުގެ ތެރެއިން ދަނީ ފަހިކޮށްދެއްވަމުންނެވެ.

ދިރާސާއާއި މަތީ ތަޢުލީމަށް ފަހިކުރުމަށްޓަކައި ހުޅުވައިލެވިފައިވާ މި ފަހި ފުރުޞަތުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ދިމާވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުންވެސް އެއީ، ރައީސްގެ ވައުދެކެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި މިހާރުވާނީ ކާޑުގެ ލިމިޓް، 1,200 އެމެރިކާ ޑޮލަރަށް އިތުރުކޮށްދީފައެވެ.

undefined

މީގެ އިތުރުން ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސް އިއްޔެ ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު އަންގަވާފައިވާކަމަށާއި، އެކުދީންގެ މި ކަންބޮޑުވުމަށް ޙައްލު ގެނެސްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

''އެ ކުދިންގެ މި ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެއީ، އެކަމަކު ރާއްޖޭގެ މާކެޓަށް، ޑޮލަރު މާކެޓަށް އޭގެ ނުރަނގަޅު އަސަރެއް ނުކުރާގޮތަށް. އެ ކުދިންނަށް ބޭންކް ރޭޓުގައި އެ ޑޮލަރު ލިބެންޏާ ލިބެންވާނީ އެ ޤައުމުގައި، އެ ކިޔަވާ ތަނެއްގައި އެ ބޭނުންކުރަން ދޮގެއްތޯ؟ އެހެންވީމާ، އެގޮތަށް އެކަން ހަމަޖެހިގެންދާ ގޮތަށް، ލޯނު ސްކީމްގައި ކިޔަވާ ކުދިންނަށް ބޭންކް ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވާ ދަތިކަން އިރާދަކުރެއްވިއްޔާ ޙައްލުކޮށްދޭނަން. އެކަމުގެ މަސައްކަތް ހަމަ އަޅުގަނޑު އައިގޮތަށް އައިސް ފަށައިފިން.'' އެންމެ ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރަށްވަމުން އިއްޔެ( 10 އޭޕްރިލް 2025 ) ގައި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ލޯނު ޕޭމަންޓް ލަސްވުމާއި، މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި މުއާމަލާތްކުރުމަށް މެއިލަށް ޖަވާބު ލިބުންފަދަ ދަތިތައް ކުދިން ފާހަގަކޮށްފައިވާތީ، ރައީސް ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ސްކޮލަރޝިޕް ދީގެން ބޭރުގައި ކިޔަވާ ކުދިން ތިބޭ ޤައުމުތަކަށް ޚާއްޞަކޮށްގެން، ކޮންމެ ޤައުމަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރެއް ނަގަން ނިންމަވައި، އެކަން ތަންފީޒު ކުރެއްވުމަށް މިނިސްޓަރަށް އަންގަވާފައެވެ.

’’ކޮންމެ ޤައުމަކަށް ޚާއްޞަ އިނގޭތޯ. ދެން ގާތްގަނޑަކަށް ދިހަވަރަކަށް ޤައުމުގައި މި ކިޔަވަނީ. ދެން އެއަށްވުރެ ގިނަވިޔަސް މައްސަލައެއް ނެތް. ކޮންމެ ޤައުމަކަށް ޚާއްޞަ ވަޓްސްއަޕް ބިޒްނަސް ނަންބަރެއް ނަގާނެ. ދެން އެ ނަންބަރު މެނޭޖް ކުރާނެ ވަކި ޚާއްޞަ ސްޓާފެއް ހަމަޖައްސާނެ.’’ އިއްޔެ( 10 އޭޕްރިލް 2025 ) ގައި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފަވެއެވެ.

undefined

އިންވެސްޓްމަންޓްގެ ނަތީޖާ ފޮނިވާނެ، ކުލަވަނީ ފެހި މާދަމާއެއް

ތަޢުލީމަކީ ޤައުމެއްގެ ކުރިއެރުމާއި ތަރައްޤީއަށް އެންމެ މުހިންމު އެއް ވަސީލަތެވެ. ތަޢުލީމަކީ ޤައުމީ އިންވެސްޓްމަންޓެއް ކަމަށް ދެންނެވެނީ އެކަމުގެ ސަބަބުން އިންސާނީ ވަސީލަތްތައް ތަރައްޤީވެގެން ދާނެތީއެވެ. ތަޢުލީމަކީ ޤައުމުގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމުގެ މައިގަނޑު ވަސީލަތެވެ. ހަމައެހެންމެ ތަޢުލީމުގެ ސަބަބުން ޤައުމަށް އިޤްތިޞާދީ ކުރިއެރުންލިބި، ތަޢުލީމީ ގޮތުން ކުރިއަރާފައިވާ މުޖުތަމަޢުތަކުގައި އިޤްތިޞާދީ ކުރިއެރުން އަވަސްވެ، އުފެއްދުންތެރިކަން އިތުރުވެއެވެ.

undefined

ތައުލީމަކީ އިޖްތިމާޢީ ތަރައްޤީގެ ވެސް އަސްލެވެ. ތަޢުލީމުގެ ސަބަބުން މުޖުތަމަޢުގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުވެ، ކުށްކުރުން މަދުވެއެވެ. ތަޢުލީމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ޤައުމަށް ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި، އުފެއްދުންތެރިކަން އިތުރުވުމާއި، އާމްދަނީ އިތުރުވުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުވުމާއި، ޞިއްޞިއްޙީ ހާލަތު ރަނގަޅުވުމާއި، ކުށްކުރުން މަދުވުމާއި، އިޖްތިމާޢީ ގުޅުންތައް ބަދަހިވުމާއި، ޑިމޮކްރަސީ ހަރުދަނާވުމާއި، ސިޔާސީ ބައިވެރިވުން އިތުރުވުމާއި، ޓެކްނޮލޮޖީ ކުރިއެރުމާއި، ދިރާސާތަކާއި ތަރައްޤީގެ މަސައްކަތްތައް އިތުރުވުމާއި، ޤައުމީ ދިފާޢު ހަރުދަނާވުމާއި އަދި ސައިބަރ ސެކިއުރިޓީ ރަނގަޅުވުން ފަދަ ކަންކަން ހިމެނެއެވެ.

އެހެންކަމުން ރައީސް މުޢިއްޒު ވިދާޅުވާފަދައިން ތަޢުލީމަކީ ޤައުމެއްގެ މުސްތަޤްބަލަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓެވެ. ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓުގެ ސަބަބުން ޤައުމަށް ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އެމަސައްކަތް އެމަނިކުފާނު އެކުރަށްވަނީ އެކަން ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. ޤައުމުގެ ދަރީންގެ ދަރީންނަށް ޓަކައެވެ.

ކޮމެންޓް

871x217_placeholder