logoEN
ޚަބަރު

ރައީސްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާ، ތުރުކީން މިސައިލް ފޮނުވޭ އަސްކަރީ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

13 އޭޕްރީލު 2025 - 02:36

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާ މުހިންމު ކާމިޔާބީއެކެވެ.

ތުރުކީގެ ނޫހެއް ކަމަށްވާ އަނަދޯލު އެޖެންސީން އެ ގައުމުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން، އެ އުޅަނދު ރާއްޖެ އަށް ހަދިޔާ ކުރަނީ ކަނޑުގެ ދިފާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިކަމާއި ގުޅިގެން ދިވެހި ދިފާޢީ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްކަމަށެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށް ދިފާޢީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީ ވިލާތުގައި ދިވެހި ސިފައިންގެ ޓީމެއް މިހާރު ދަނީ ތަމްރީންވަމުންނެވެ. ދިފާޢީ ވުޒާރާއިން ވިދާޅުވެފައިވަނީ މި ޤާބިލުކަމަކީ، ޤާނޫނުގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވެގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާއަކީ މިނިވަންކަމާ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމެވެ. މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފައްޓަވައިގެން، މި ސިޔާސަތުތައް ތަންފީޒުކުރައްވަން ފައްޓަވާފައިވެއެވެ. އެގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފްކުރައްވާފައެވެ. ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީވެސް ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.

މި އައު މަނަވަރު ލިބުމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުވެ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ. މީގެ އިތުރުން، މި މަނަވަރަކީ މިސައިލް ފޮނުވޭ އުޅަނދަކަށްވުމާއެކު، ރާއްޖޭގެ ދިފާޢީ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށް ސަލާމަތީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމީ ސަލާމަތާއި ދިފާޢަށް ދެއްވާ އިސްކަމުގެ ތެރެއިން، މިފަދަ އެތައް މަޝްރޫޢުތަކެއް ކުރިއަށް ގެންދެވެމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބި، ޤައުމުގެ މުސްތަޤުބަލް އިތުރަށް ރައްކާތެރިވެގެންދާނެކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ކޮމެންޓް

871x217_placeholder