ޖެނެރޭޝަނަލް ބޭންއާ މެދު މިއަދު ކެބިނެޓުން ގޮތެއް ނިންމަނީ
13 އޭޕްރީލު 2025 - 07:14

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް، “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުއްވުމާމެދު ގޮތެއް ނިންމެވުމަށް, މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް 2022 އިން ދައްކާ ގޮތުގައި، ރާއްޖޭގައި ގައިންގައިން ނާރާ ބަލި ފެތުރުމަށާއި، ނުކުޅެދުންތެރިކަމަށް ހުށެހެޅޭ އެންމެ ބޮޑު ސަބަބަކީ، ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އަދި ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ 84 އިންސައްތައިގެ މީހުންނަކީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ގައިންގައުން ނާރާ ބަލިތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation
މިއާއެކު، ޒުވާން އުމުރުފުރާގެ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ގިނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މައްސަލައަށް ހައްލެއް ގެނައުމަށް މިފަދަ ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން މި ޖެހޭ ގައިންގައިން ނާރާ ބަލިތަށް، އޭގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ ބައްޔާއި، މިހެން ގޮސް އެކިކަހަލަ ބަލިތައް. މި ބަލިތަކުން ސަލާމަތް ކޮށްދިނުމަށް ޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން، ސަރުކާރުން އެންމެންނާއި ގުޅިގެން އެބަ ޖެހޭ މަސައްކަތްތަކެއް ކުރަން. އެގޮތުން ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި އަޅުގަނޑު ދެކެން،- ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ އެޕިސޯޑެއްގައި، ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށް، ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، ތަރުކާރީއާ މޭވާގެ ބާވަތްތައް އަތްފޯރާފަށަށް ތިރިކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ދުންފަތުން ނަގައި ޑިއުޓީ ބޮޑުކުރުމާ އެކު ކުރިން 110 ރުފިޔާއަށް ލިބުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ސަރުކާރުންވަނީ ވޭޕް އެއްކޮށް ރާއްޖެއިން މަނާކޮށްފައެވެ.
ޖެނެރޭޝަނަލް ބޭން އާއި މެދު ގޮތެއް ނިންމަން، ސަރުކާރުން ވަނީ އާންމުންގެ ޚިހާލު ހޯދަން ޕޯލްއަކަށް ވެސް ހުޅުވާލާފައެވެ. އަދި މިކަމާ ގުލިގެން ޑަބްލިއުއެޗްއޯ އާއި ޔުނިސެފް، އަދި މަދަނީ ޖަމިއްޔާތަކާއި އެކު ވެސް ވަނީ މަޝްވަރާކޮށްފައެވެ.
ދިވެހި މުޖުތަމަޢު ދުންފަތުގެ އިސްތިއުމާލާއި ދުރުކުރުވުމަށް، ޖެނެރޭޝަނަލް ބޭންއެއް ތަޢާރަފްކުރަން ނިންމާފައިވާއިރު، ރައީސް 'އެކްސް' ގައި އާންމުކުރެއްވޮ ޕޯލްގައި ގިން ބަޔަކު ވަނީ، 25 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތް މަނާކުރަން ތާއިދުކޮށްފިއެވެ.
ޖެނެރޭޝަން ބޭންގެ ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.


