logoEN
ކުޅިވަރު

ވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް ދަތުރުކޮށްފި

ޕޮލިސް ކުލަބާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ޕޮލިސް ކުލަބާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

16 އޭޕްރީލު 2025 - 05:32

ވީއޭއެމް ކަޕް 2025 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ ބަލިކޮށް، މުބާރާތުގެ ފައިނަލަށް ޕޮލިސް ކުލަބު ދަތުރުކޮށްފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ޕޮލިސް މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-17 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅުކޮށް، އެ ސެޓު 25-22 އިން ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓުގައި ޕޮލިސް ޓީމުން އަނެއްކާވެސް މޮޅަށް ކުޅެ، 25-21 އިން އެ ސެޓު ކާމިޔާބުކުރިއެވެ.

މެޗުގެ ހަރަކާތްތެރި ވަގުތުތަކެއްގައި ޕޮލިސް ޓީމަށް ނުތަނަވަސްކަމެއް ކުރިމަތިވިއެވެ. އެއީ މެޗުގައި މޮޅަށް ކުޅެމުންދިޔަ އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއަށް އަނިޔާވެ، ކޯޓުން ބޭރުކުރަން ޖެހުމެވެ. މި ހާދިސާއަށްފަހު ކުޅުނު ހަތަރުވަނަ ސެޓު ވެމްކޯއިން ވަނީ 25-23 އިން ކާމިޔާބުކޮށްފައެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ އަދި އެންމެ ފަހު ސެޓުގައި ޕޮލިސް ކުލަބުން އިތުރު ހިތްވަރާއެކު ކުޅެ، 15-13 އިން އެ ސެޓު ކާމިޔާބުކޮށް، މެޗު ކާމިޔާބުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ޕޮލިސް ކުލަބަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިޔާ ގްރެޒީލް ރިބޯރީ ޑި ސޫޒާއެވެ.

މި ކާމިޔާބީއާއެކު ޕޮލިސް ކުލަބުން ވަނީ ވީއޭއެމް ކަޕް 2025 ގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދުތައް ވަނީ ފަނޑުވެގެން ގޮސްފައެވެ.ރޭގެ މެޗުން ވެމްކޯ ބަލިވިނަމަވެސް އެޓީމަށް ސެމީގެ 3 ވަނަ މެޗުނެ މޮޅުވެގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެގޮތުން ސެމީގެ 3 ވަނަ މެޗުގައި ވާދަކުރާނީ އިއްޔެ ކުޅުނު ދެވަނަ ސެމީއިން މޮޅުވެ ހުރާ ކޮމިއުނީޓީ ކުލަބުން ވަނީ 3 ވަނަ ސެމީގެ ޖާގައެއް ހޯދާފައެވެ. ހުރާ ކޮމިއުނީޓީ ކުލަބު އިއްޔެ ސެމީގައި ފްލެކްސަރ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން ވަނީ މޮޅުވެފައެވެ.

ކޮމެންޓް

871x217_placeholder