ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް މުބާރާތް 3 މެއި ގައި ފަށަނީ
18 އޭޕްރީލު 2025 - 11:11

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް މުބާރަތް، މިއަހަރުގެ މެއި މަހުގައި އަނެއްކާ ވެސް ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation
ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް މުބާރާތް ހުޅުވާލެވިފައިވަނީ ނ.އަތޮޅުގެ ހުރިހާ ރަށްތަކަކަށެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި 7 ޓީމު ބައިވެރިވެފައިވެއެވެ. އެއީ
- ފޮއްދޫ ސްޕޯޓްސް ކްލަބް
- މާޅެންދޫ ވޮލީ ޓީމް
- ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވޮލީ ޓީމް
- ވެލިދޫ ސްޕޯޓްސް ކްލަބް
- ހެނބަދޫ ވޮލީ ޓީމް
- މަނަދޫ ސްޕޯޓްސް ކްލަބް އަދި
- ނ.މަގޫދޫ ވޮލީ ޓީމެވެ.
އަންހެން ޑިވިޝަންގައި 5 ޓިމު ބައިވެރިވެފައިވެއެވެ. އެއީ
- ވެލިދޫ ސްޕޯޓްސް ކްލަބް
- ފޮއްދޫ ސްޕޯޓްސް ކްލަބް
- ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވޮލީ ޓިމް
- ނ. މަގޫދޫ ކައުންސިލް ވޮލީ ޓީމް އަދި
- މަނަދޫ ސްޕޯޓްސް ކްލަބެވެ.
އަލަށް ތަޢާރަފުކުރި 19 އަހަރުން ދަށުގެ ޑިވިޝަނަށް ހަމައެކަނި ވެލިދޫ ސްޕޯޓްސް ކްލަބުން ބައިވެރިވެފައިވާތީ، މިޑިވިޝަން މިއަހަރު ނުބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މިޑިވިޝަނަށް އިތުރު ޓީމުތައް ބައިވެރިވާނެކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން އުންމީދުކުރެއެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމެވެ. ކުރީ އަހަރެކޭވެސް އެއްގޮތަށް މުބާރާތުގެ އިނާމުގެ ގޮތުގައި ޗެމްޕިއަން ޓީމަށް 20,000 (ވިހިހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 10,000 (ދިހަހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުރީ އަހަރުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިއަހަރުގެ މުބާރާތް އިތުރަށް ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއްވެސް ދަނީ ކުރެވެމުންނެވެ.
މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ވެލިދޫ ކައުންސިލްގެ ހޮޓްލައިން 7897744 އަށް ގުޅުއްވުމުން ނުވަތަ info@velidhoo.gov.mv އަށް އީމެއިލް ކުރެއްވުމުން ލިބިގެންދާނެއެވެ.
ކުރީ އަހަރުގެ ކާމިޔާބު މުބާރާތަށްފަހު، މިއަހަރުގެ މުބާރާތަކީވެސް ނ.އަތޮޅުގެ ވޮލީބޯޅަ ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ މުހިންމު ފުރުސަތަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މުބާރާތުގެ ސަބަބުން އަތޮޅުގެ ރަށްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުޅިވަރުގެ ރޫހު އާލާވެ، އަދި ޒުވާނުންގެ ހަރަކާތްތެރިކަން އިތުރުކުރެވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.


