ހުޅުދުއްފާރަކީ ތަފާތު އެތައް ހަނދާންތަކާ ގުޅިފައިވާ ރަށެއް: މިނިސްޓަރ އާދަމް ޝަރީފު


19 އޭޕްރީލު 2025 - 04:40
ރ. އަތޮޅު ހުޅުދުއްފާރަކީ ތަފާތު އެތައް ހަނދާންތަކާ ގުޅިފައިވާ ރަށެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެ ގޮތުން މިނިސްޓަރ ވިދާޅުވީ، ރޭ އެވޯޑް ޙާޞިލްކުރެއްވި ބޭފުޅުންގެ ތެރޭން ގިނަ ބޭފުޅުންނަކީ، އެ މަނިކުފާނުނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައި، ދެކެފަރިތަ އަދި އެ ބޭފުޅުންނާއެކު މަސައްކަތްކުރުމުގެ ނަސީބު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ.
އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މީގެ 10 ވަރަކަށް އަހަރު ކުރިން އެ ރަށުގެ ސުކޫލު ފަރާތުން ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަތުމުން އެ ރަށުން ކިޔުއްވި މަރުޙަބާއާއި، އެ ރަށުގައި މިއަދު ދިރިއުޅުއްވާ އެކި ރަށްރަށުގެ މީހުން، އެ މީހުންގެ އިހުގެ ރަށްރަށުން އެ މަނިކުފާނަށް ކުރެވިފައިވާ ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ހުޅުދުއްފާރުގައި ދެއްކެވި ވާހަކަފުޅުގައި ހުޅުދުއްފާރުން އެ މަނިކުފާނާ މެދު ބަހައްޓަވައި ޚާއްޞަ ކަމުގެ ސަބަބުން، ބީރަށްޓެހި ރަށަކަށް ވަޑައިގެން ހުންނަވައި ކަމުގެ އިޙްސާސް އެއް ގޮތަކަށް ވެސް ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.
މި މޭރުމުން އެ މަނިކުފާނު ރޭ ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށް ވިދާޅުވިއެވެ. ތަފްޞީލު ދެއްވަމުން އެ ކަން އެ ގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރޭ ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއް ފާހަގަކުރެއްވިއެވެ. އަދި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.