މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ، ސިނާއަތަށް ދިރުން


19 އޭޕްރީލު 2025 - 14:23
ދިވެހި އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމެވެ. ފަތުރުވެރިކަމުގެ ސިނާއަތަށްފަހު ރާއްޖޭގެ އިގްތިސާދޯގެ އެންމެ ބޮޑު ބައިވެރިއަކަށް ވެފައި އޮތީ މަސްވެރިކަމެވެ. މަސްވެރިކަމަކީ ދިވެހި އެތައް ޢާއިލާއެއްގެ ބަނޑުފުރާނަމުއްތިކުރުމާއި ގުޅިފައި އޮތް މުހިންމު ސިނާއަތެކެވެ. ނަމަވެސް ސަރުކާރުތަކުގެ އިހްމާލުންނާއެކު މި ސިނާއަތް ދިޔައީ ވަޅުޖަހަމުންނެވެ. މަސްވެރިކަމަށް އެނބުރު ޒުވާނުންތައް މަސްދޯނިތައް ދޫކޮށް އެހެން ވަޒީފާތަކަށް ބަދަލުވާންފެށިއެވެ. މަސްދޯނިތަކުން ދިވެހި ކުލަ ފަނޑުވެ، ބިދޭސީންގެ ކުލަޖެހި އެވެރިން ދޯނިތަކުގައި ރަސްކަންކުރާން ފެށިއެވެ. ބޮޑެތި މަސްދޯނިތައް މުދާ އުފުލާ އުޅަނދުތަކަށްބަދަލުކޮށް، އެ ސިނާއަތް އޮތީ އަޑިއަޅާލާފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ދިވެހި އިގްތިސާދުގެ ލޭނާރަށް ޖެހިފައި އޮތް ހާލެވެ. އެއްކޮށް ވިންދު ނުކެނޑުނުނަމަވެސް އޮތީ ފުން އަނދަވަޅެއްގައެވެ.
މަސްވެރިކަމަށް ދިރުން ގެނުވާނެ މުހިންމު ސިޔާސަތުތަކެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަންނަވަން އެކުލަވާލި މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއްދެއްވި އެއް ދާއިރާ އަކީ މަސްވެރިކަމެވެ. އަލުން މަސްވެރިކަން އިހުއޮތްތަނަށް އިޔާދަކުރުމުގެ ފުރިހަމަ ޕްލޭންތައް އެ މެނިފެސްޓޯގައި ވެއެވެ.
''ރާއްޖޭގެ ލޭނާރު ގޮތުގައި، އިޤްތިޞާދީ ލޭނާރު ގޮތުގައި، އަޅުގަނޑު ގަބޫލުކުރަނީ އަދި ހަމަ ގިނަ ރައްޔިތުންވެސް ގަބޫލުކުރާނީ މަސްވެރިކަން ކަމަށް. މަސްވެރިކަން ދިރުވައި އާލާކޮށް ފުޅާކުރުމަކީ އެއީ، އަޅުގަނޑުގެ ސިޔާސަތު. އަދި އަޅުގަނޑު މެނިފެސްޓޯގައިވެސް ހިމަނާފައި އޮތް ވަރަށް ވަރަށް ވަރަށް ބޮޑު އިސްކަމެއް ދީފައި އޮތް ކަމެއް އެއީ. މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކުރުން. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، މަސްވެރިކަމުގެ ޞިނާޢަތު އޮތީ އެކި ސަބަބުތަކާ ހެދި ވަރަށް ބޮޑަށް ވަޅުޖެހިފައި އިނގޭތޯ. މަސްވެރިން ބާނާ މަހަށް ފައިސާ ނުދެވޭ. އަޅުގަނޑު ހަނދާންވަނީ، 250 މިލިއަނަށްވުރެ ގިނަ ރުފިޔާ، މަސްވެރިން ބާނާ މަހަށް މިފްކޯއިން ނުދެވިހުރި ކަމަށް.'' -ރައީސް މުޢިއްޒު- (ރައްޔިތުންނާއެކު ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑު، 17 އޭޕްރިލް 2025)
އެމަނިކުފާނުގެ މަސައްކަތްޕުޅު ތަރުތީބު ކުރެއްވީ މިދެންނެވި ފުން ޙަޤީޤަތް ޤަބޫލުފުޅުކުރަށްވައިގެން މި މައްސަލައަށް އެކަށޭނަ ހައްލެއް ލިބިގެންދާނެ ގޮތުގެ މަތީންނެވެ.
48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރާނެކަމުގެ ވަޢުދު ފުއްދެވުން، ނަތީޖާ ފޮނި
މަސްވެރިން ބާނާ މަހަށް 48ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭގޮތަށް ކަންތައްތައް އިންތިޒާމު ކުރެއްވުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ. އެމަނިކުފާނު ވަނީ މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން އެ ވަޢުދު ފުއްދަވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އޭގެ ފަހަތަށް ދިޔަ އަހަރެއްހާ ދުވަސް އެ ވަޢުދު ނުފެއްދެވި ދިޔައީ އޭރު އޮތް އަޑިގަނޑުން އަރައިގަތުމުގެ މަސައްކަތުގައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުއްޓެވެ. އަދި ތެޔޮ ސަބްސިޑީސް އާއި އެކު މި ސަރުކާރަށް 1000 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި އޮތީ ވާރުތަވެފައެވެ. ނަމަވެސް 10 ޑިސެމްބަރު 2024 އާއި ހަމައަށް މަސްވެރިންނަށް ނުދެވި އޮތް ފައިސާ ވަނީ މަސްވެރިންނަށް ދީ މި ސަރުކާރުން ޚަލާސްކޮށްފައެވެ.
މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދިނުމަށް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި މިނިސްޓްރީ އޮފް ފިނޭންސްއާއެކު ވަނީ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް 470 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް މި ސަރުކާރުން ވަނީ ދޫކޮށްފައެވެ. އަދި ދުވަހުން ދުވަހުން އަންނަނީ ފައިސާ ދޫކުރަމުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ކުރިން ފައިސާ ނުލިބޭތީ ދޯނިތަކުން ފޭބި ދިވެހި ޒުވާނުން ވަނީ އަނބުރާ މަސްވެރިކަމަށް ނުކުންނަން ފަށާފައެވެ. އަދި ބިދޭސީންގެ ބަދަލުގައި ދިވެހިން މަސްވެރިކަމަށް ނެރުމުގެ އަމާޒަށް ދަނީ ވާސިލް ވެވެމުންނެވެ.
މަސްވެރިންނާ ރައީސާ ގާތް ގުޅުމެއް
މަސްވެރިންގެ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ އައިސް އަދި ތެލުގެ މައްސަލަތަކަށް ޙައްލު ހޯދަމުންދަނީ މަސްވެރިންގެ ޚިޔާލާއި މަޝްވަރާއާއެކުގައެވެ. ރައީސް އަމިއްލަފުޅަށް މަސްވެރިންނާ ބައްދަލުކޮށް، އެބޭފުޅުންގެ ބޭނުންތައް އަޑުއައްސަވައި، ގުޅުން ބަދަހިކުރައްވާފައިވެއެވެ.
''ރައީސް އޮފީހުގައިވެސް އަޅުގަނޑު ބައްދަލުކުރިން، ކެޔޮޅުންގެ ޓީމަކާ. އެ ބޭފުޅުން ވަޑައިގެން، ބޭނުންވި ހުރިހާ ކަމެއް ޙިއްޞާ ކުރެއްވި. އަދި މިހާރު އަޅުގަނޑު ބަރާބަރަށް ސީދާ ގުޅުންވެސް އެބަ ބާއްވަން އެ ބޭފުޅުންނާ އިނގޭތޯ. އަޅުގަނޑާ އެ ބޭފުޅުންނާ ޑައިރެކްޓްލީ އަޅުގަނޑާ ވާހަކަ ދެއްކޭނެ މިހާރު އިނގޭތޯ. އެ ބޭފުޅުން މެސެޖް ކުރެއްވިޔަސް، ކޮންމެ ދުވަހަކުހެން އަޅުގަނޑު އެބަ ޖަވާބުދެން އިނގޭތޯ. މަސްވެރިންނާ ގާތުން މަސައްކަތް ކުރުން އަޅުގަނޑަށް ވަރަށް މުހިންމު. މަސްވެރިކަމާބެހޭ ވުޒާރާއިންވެސް އެދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން'' -ރައީސް މުޢިއްޒު- (ރައްޔިތުންނާއެކު ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑު، 17 އޭޕްރިލް 2025)
މި ގާތްގުޅުމާއެކު މަސްވެރިންނަށް ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމުގައި، ޢުމްރާނީ ތަރައްޤީއާއި ވަސީލަތް ޤާއިމުކުރުމު ތަރައްގީގެ ވަރަށް ގިނަ ކަންކަން ދަނީ މިހާރު ކުރެވެމުންނެވެ.
ސިނާއަތުގެ ގާބިލުކަން އިތުރުކުރުން
މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތްކުރެވެމުންދާއިރު، ކޮންމެ އަތޮޅެއްގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މަހުގެ އަގު މަތިކުރުމަށް އިސްކަންދެވޭއިރު، މިހާރު ކަޅުބިލަމަސް ރައްކާކުރެވޭ މިންވަރު 9,500 ޓަނުން 25,000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 115 ޓަނުން 365 ޓަނަށް އިތުރުކޮށް، މީގެ އިތުރުން، އައިސް ޕްލާންޓްތަކުގެ އުފެއްދުންތެރިކަން 600 ޓަނަށްވުރެ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.
މި މަސައްކަތުގެ ތެރެއިން ގދ. ތިނަދޫ އަދި ކ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް މިއަހަރު ނިމޭނެއެވެ. އަދި ގދ. ފިޔޯރީގައި 3,000 ޓަނުގެ އަދި ފ. ނިލަންދޫގައި 1,500 ޓަނުގެ މަޝްރޫޢުތައް ވަނީ ފެށިފައިވެއެވެ. މީގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ މަޝްރޫޢު، ސ. ކޫއްޑޫގައި 4,000 ޓަނުގެ މަސްފިނިކުރާ މަޝްރޫޢު، ހއ. އިހަވަންދޫގައި 2,000 ޓަނުގެ ޕްރޮސެސިންގ ޕްލާންޓް، އަދި ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ވަނީ އެކި މަރުހަލާ ތަކުގައެވެ.
މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، އާރު.އެސް.ޑަބްލިޔު. ސިސްޓަމް ދޯނިތަކުގައި ހަރުކުރުމާއި، ގިނަ ސަރަޙައްދުތަކުގައި ކަނދުފަތި ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. މިހާތަނަށް 18 ވަދު ކަނދުފަތި އަދި 21 އާންމު ކަނދުފަތި ވަނީ ގާއިމުކޮށްފައެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަމާއި، ފަންނީ އެހީ
މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، ކޮންމެ ދޯންޏަކުން އެއް ފަރާތެއް ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 56 ދޯންޏަކުން ޑައިވަރުން ވަނީ ތަމްރީނުކޮށްފައެވެ.
މިހާތަނަށް އައިއިރު މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލޯނު ނެގޭނެ ގޮތްތައް ފަހިކޮށްދީ، މަސްވެރިންގެ ދަފްތަރެއް ޤާއިމުކޮށްފައިވާއިރު، މި ދަފްތަރުގައި ރަޖިސްޓަރީވުމުން ލޯނާއި ކްރެޑިޓް ފެސިލިޓީތަކަށް އެދެވޭނެއެވެ. މިހާރު 95% މަސްދޯނި ދަފްތަރުވެފައިވާކަން ފާހަގަކުރެވެއެވެ.
މަސްވެރިކަމުގެ ރޮނގުން މަތީ ތަޢުލީމާއި ތަމްރީން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަސްވެރިކަމާއި ކަނޑުގެ ސައިންސާ ގުޅޭ ކޮލެޖެއް އުފައްދާފައިވާއިރު، 45 ދަރިވަރުންނަށް ބެޗްލަރ އޮފް ފިޝަރީޒް މެނޭޖްމަންޓް ކޯހަށް ފުލް ސްކޮލަރޝިޕް ގައި ދަނީ އުނގެނުންނެވެ. އަދި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ކޯސްތަކާއި ސްކޮލަރޝިޕްތައް ހޯދައިދިނުމަށް މަސައްކަތްކުރެވެމުންދެއެވެ.
ކުރިމަގަށް މުހިންމު ޕްލޭންތަކެއް
މަސްވެރިކަމުގެ އިޤްތިޞާދީ ފައިދާއަށް ބަލާއިރު، ފަތުރުވެރިކަމަށްވުރެ 3 ގުނަ އިތުރަށް ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރެވޭނެކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ ފުޅާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް އޮތުމާއެކު، ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް އިސްކަންދެވެއެވެ.
ކުރިމަގުގެ ޕްލޭންތަކުގެ ތެރޭގައި މަސްވެރިކަން އިތުރަށް ފުޅާކުރުމާއި، ކަނޑުގެ އެހެނިހެން މުއްސަނދިކަން ބޭނުންކުރުން ހިމެނެއެވެ. އިންވެސްޓްމަންޓް ހޯދުމަށް ބޭރުގެ ފަރާތްތަކަށް ފުރުޞަތު ހުޅުވާލެވިފައިވާއިރު، ކަނޑުގެ ވަސީލަތްތައް އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތެއްގައި ބޭނުންކުރުމުގެ ސިޔާސަތު މި ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ.
ރަނގަޅު ޗޮއިސެއްކަން ކަށަވަރު، ސިނާއަތަށް ދިރުން
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރުމާއި، އަސާސީ ވަސީލަތްތައް ތަރައްޤީކުރުމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދެއެވެ.
މި މަސައްކަތްތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް އާ ދިރުމެއް ލިބި، ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިވެ، ޤައުމީ އުފެއްދުންތެރިކަން އިތުރުވެ، މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. ސަރުކާރުގެ މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލާކޮށް، މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެޅޭ މި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާވެ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި މަހުގެ އަގު މަތިވެ، މަސްވެރިންގެ އާމްދަނީ އިތުރުވެގެންދާނެއެވެ. ރައީސް މުޢިއްޒުގެ ސިޔާސަތުތަކާއި، މަސައްކަތްޕުޅާއެކު ވަޅުޖަހާފައި އޮތް މަސްވެރިކަން އޭގެ އަސްލު މަގާމަށް އިޔާދަވާނެކަން ގައިމެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން