ފްލެކްސަރ މޮޅުވެ ޤައުމީ މުބާރާޓުގެ އުއްމީދު އާކޮށްފި

ފްލެކްސަރ ސްޕޯރޓްސް ކުލަބު ވަނީ މުބާރާތުގެ ގަދަ 4 އަށް އެރުމުގެ އުއްމީދު އާކޮށްފައި. ފޮޓޯ: ވީއޭއެމް

25 އޭޕްރީލު 2025 - 06:04
ޤައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަންގައި ފްލެކްސަރ ސްޕޯޓްސް ވަނީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލީގު ތާވަލުގެ ތިންވަނަ ހޯދައިފައެވެ. މިއީ ފްލެކްސަރ މި މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ.
ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރާ މި ލީގުގައި، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ޤައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ފްލެކްސަރ ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ނިމުނީ 25-21، 25-11 އަދި 25-10 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރިކޮށް ފެނުނު ނަމަވެސް ފަހު ދެ ސެޓުގައި ފްލެކްސަރ ވަނީ ބޮޑު ތަފާތަކުން މޮޅުވެފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހޮވުނީ ފްލެކްސަރގެ ޗަނޯނަންއެވެ.
ހަ ޓީމު ވާދަކުރާ މި ލީގުގައި މިވަގުތު ފްލެކްސަރ އޮތީ ތިންވަނައިގައެވެ. އެ ޓީމުން ވަނީ އެހެން ޓީމުތަކަށް ވުރެ މެޗެއް އިތުރަށް ކުޅެ، 6 ޕޮއިންޓް ހޯދާފައެވެ. ހަތަރުވަނައިގައި އޮތް ހުރާ ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ މިހާތަނަށް ހުރިހާ މެޗެއް ކާމިޔާބުކުރަމުން އަންނަ ޕޮލިސް ކުލަބެވެ. އަދި ދެވަނައިގައި އޮތީ ތިން މެޗުން 6 ޕޮއިންޓް ހޯދާފައިވާ ވެމްކޯއެވެ.