ރެއާލް ބަލިކޮށް ކޮޕަޑެލްރޭ ކާމިޔާބުކޮށް، ބާސާގެ އަމާޒު ޓްރްބްލް ހޯދުމަށް
27 އޭޕްރީލު 2025 - 03:37

ކޮޕާ ޑެލްރޭ ގެ ފައިނަލުގައި ރޭ ސެވިއްޔާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާގެ ޑިފެންޑަރ ޖޫލްސް ކުންޑޭ ފަހުވަގުތު ޖެހިގޯލާއެކު 3-2 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެތަށި 32 ވަނަ ފަހަރަށް ބާސެލޯނާއިން އުފުލާލައިފިއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 2-2 އިން އެއްވަރުވެފައިވުމާއެކު، ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނު ބާސާގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ބާސެލޯނާއަށް ޖަހައިދިނީ ޕެޑްރީއެވެ. ލަމީން ޔަމާލް ދިން ޕާހަކުން އޭރިޔާ ބޭރުގައި ހުރެ ޕެޑްރީ ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރިއެވެ. ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ކުޅުން އިތުރަށް ވަރުގަދަވެގެން ދިޔައީ ކޯޗު ކާލޯ އެންޗެލޮއްޓީ ރޮޑްރިގޯގެ ބަދަލުގައި ކިލިއަން އެމްބާޕޭ ކުޅެން އެރުވުމާ ގުޅިގެންނެވެ.

Ad by Hajj Corporation
70 ވަނަ މިނެޓުގައި އެމްބާޕޭއަށް އޭރިޔާ ކައިރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން އޭނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެ ހަތް މިނެޓު ފަހުން އޯރެލިއެން ޗޫމޭނީ ވަނީ ކޯނަރ ކިކަކުން ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކޮށް ރެއާލް މެޑްރިޑަށް ކުރި ހޯދައިދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 6 މިނެޓަށް ވެފައިވަނިކޮށް ލަމީން ޔަމާލް ދިން ބޯޅައަކުން ފެރާން ޓޮރޭޒް ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އިތުރު ވަގުތުގެ ދެހާފުގެ ކުޅުން ހަމަވާން 4 މިނެޓަށް ވެފައިވަނިކޮށް ރެއާލް ގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޫލްސް ކޯންޑޭ ވަނީ ބާސެލޯނާއަށް މެޗުކާމިޔާބުކޮށްދީފައެވެ.
ރޭގެ މޯލާއެކު ބާސެލޯނާއިން މިސީޒަނުގެ ކޮޕަޑެލްރޭ ކާމިޔާބުކޮށްފައިވާއިރު، ބާސާ މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައި 4 ޕޮއިންޓެއްގެ ލީޑުގައެވެ. އަދި މީގެ އިތުރުން ބާސެލޯނާ ވަނީ ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެންކަމުން ބާސެލޯނާގެ ހުރިހާ އަމާޒެއް މިހާރު އޮތީ ބާކީ އޮތް ދެ ތަށި ކާމިޔާބުކޮށް، ޓްރެބްލް ހޯުދުށެވެ.