ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާނީ ސުޕްރީމް ކޯޓުން ގޮތެއް ނިމުމުން
16 ސެޕްޓެމްބަރު 2024 - 07:32

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް މިއަދު ކޯޓުގައި ބަލަން ފެށި މައްސަލައިގެ ޝަރީއަތް ދެން ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ ނިމުމުން ކަމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައިވަނީ މިއަދު އެކޯޓުގައި ބޭއްވި ދެވަނަ އަޑުއެހުމުގައެވެ.

Ad by Hajj Corporation
ކުރިމިނަލް ކޯޓުގައި މިއަދު މިމައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލައާ ގުޅޭ ކަމެއް ހިނގަމުންދާތީ ސުޕްރީމް ކޯޓުން ބަލާ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލުމަށް އެދިފައެވެ. ގާޒީ ވިދާޅުވީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު އިތުރަށް ދިރާސާކުރަން ޖެހޭ ކަމެއް ނެތް ނަމަ އެކަމާ ގުޅިގެން ގޮތް ނިންމާނެ ކަމަށެވެ.
އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ހިމެނޭ ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ އެ މައްސަލަ ނުނިމެނީސް ދަށު ކޯޓުގައި ހިނގާ މައްސަލަ ކުރިއަށްގެންދިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެދިފައެވެ. އޭގެ އިތުރުން، ތަހުގީގު މަރުހަލާގައި ނެގި އިންޓަވިއުތަކުގެ ސީޑީ ބޭނުންވާ ކަމަށާއި، އެ ރެކޯޑިންތައް ދިފާއަށް ވަރަށް މުހިންމު ކަމަށް ޔާމީންގެ ފަރާތުން ވަނީ އެދިފައެވެ. އަދި އެ ސީޑީތައް ނުލިބި ޝަރީއަތް ނުގެންދިޔުމަށް ވެސް ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ހިމެނޭ ބައެއްކަންކަން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއީ މީގެ ކުރިން މި މައްސަލާގައި ހައިކޯޓުން ޝަރީއަތް ހިންގުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނެތްކަން ދައްކަން ދައުލަތުން ހުށައެޅި ހެކިތަކަށް ރިޢާޔަތް ނުކުރުމުންކަމަށް ދައުލަތުން ހާމަކުރިއެވެ.
ހައިކޯޓުން ވަނީ މިދިޔަމަހުގެ އޭޕްރީލް 18 ވަނަ ދުވަހު މި ހުކުމް ބާތިލް ކުރުމަށްފަހު އަލުން މައްސަލަ މުރާޖާކުރުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ. ހައި ކޯޓުންވަނީ ކްރިމިނަލް ކޯޓަށް މިމައްސަލައިގައި ދެން ޝާމިލުވާ ފަރާތްކަމަށްވާ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްކޮށްފައިވާ ހުކުމް ވެސް ބާތިލްކޮށް އަލުން މައްސަލަ މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.


