ލިވަރޕޫލް 20 ވަނަ ތަށި ކާމިޔާބުކޮށް އިނގިރޭސި އެންމެ ކާމިޔާބު ކުލަބަށް
28 އޭޕްރީލު 2025 - 04:14

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ވަނީ 5-1 ގެ ނަތީޖާއަކުން މޮޅުވެ، 20 ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
މި މެޗަށް ނިކުތްއިރުވެސް ލީގު ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލް އަށް ބޭނުންވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު، މި މޮޅުވުމާއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 82 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 67 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބިފައިވާ 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގައެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭއެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން ލުއިސް ޑިއާޒް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އެލެކްސިސް މެކަލިސްޓަރ، ކޯޑި ގެކްޕޯ އަދި މުހައްމަދު ސަލާ ވަނީ އިތުރު ލަނޑުތައް ޖަހާފައެވެ.
މި މެޗުން މޮޅުވެ ލިވަޕޫލް އަށް ޗެމްޕިއަންކަން ލިބުނު އިރު މިއީ 1990 ވަނަ އަހަރަށްފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އަށް ލިބުނުއިރު ކޮވިޑްގެ ޕެންޑެމިކާއި ގުޅިގެން އެ މެޗު ކުޅެފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.
35 އަހަރަށްފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލިވަޕޫލް އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން، މި މެޗަށް ފަހު ލިވަޕޫލްގައި ވަނީ އުފާ ފާޅުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.
މިމޮޅާއެކު ލިވަރޕޫލް ވެގެން ގޮސްފައިވަނީ އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ކުލަބަށެވެ. އެގޮތުން ޕްރީމިއަރ ލީގު ޔުނައިޓެޑާއެއްވަރަށް 20 ފަހަރު ކާމިޔާބުކުރުމުގެ އިތުރުން ޔުއޭފާ ޗެންޕިއަންސް ލީގު ލިވަރޕޫލުން 6 ފަހަރު ކާޟިޔާބުކޮށްފައިވެއެވ.