މައިނޯރިޓީއަށް އިޙްތިރާމްކޮށްގެން މަޖިލީހެއް ހިންގާ މިއީ ފުރަތަމަ ފަހަރު: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
.jpg&w=3840&q=75)
29 އޭޕްރީލު 2025 - 06:09
މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މައިނޯރިޓީއަށް ފުރުސަތުދީ، އިޙްތިރާމްކޮށްގެން ހިންގާ ފުރަތަމަ މަޖިލީހުގެ ދައުރު ކަމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެފަދައިން ވިދާޅުވީ މިއަދު އޮތް މަޖިލީހުގެ މި ދައުރުގެ 24 ވަނަ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.
އެގޮތުން މީކާއިލް ހުށަހެޅުއްވި ޤަރާރަކީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭގޮތަށް ރިޔާސަތުން ޢަމަލުކުރަމުންގެންދާ ގޮތާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅުއްވި ޤަރާރެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިއަދުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މެންބަރު މީކާއިލް ހުށަހެޅުއްވި ޤަރާރަކީ ތާކުން ތާކުން ޖެހޭ ޤަރާރެއް ނޫން ކަމަށާއި، އެ ޤަރާރަށް ތާޢީދު ނުކުރައްވާ ކަމަށެވެ.
އަދި އެ ޤަރާރު އެންމެ ބޮޑަށް ގުޅެނީ ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، މި މަޖިލީހުން ޤަވާއިދުގައި ތަންދޭ އެންމެ ފުޅާމިނެއްގައި މައިނޯރިޓީ އަށް ވެސް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދޭ ކަމުގައި މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަޖިލީހުގެ ދައުރަކީ މަޖިލީހުގެ ކޮމެޓީތަކުގައި ވެސް މައިނޯރިޓީ އަށް ފުރުސަތުދީ، މައިނޯރިޓީއަށް އިޙްތިރާމްކުރާ ފުރަތަމަ މަޖިލީހުގެ ދައުރު ކަމުގައެވެ.
ޤަރާރުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އިއްޒަތްތެރި މެންބަރަކު ފާހަގަކުރެއްވީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތައް ނުލިބޭ ވާހަކަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި 20 ވަނަ މަޖިލީހުން މަޖިލީހުގެ އެއްވެސް އިއްޒަތްތެރި މެންބަރެއްގެ އިމްތިޔާޒްތަކަށް އަރައިގަނެފައިވާކަން އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. އަދި ހަމައެހެންމެ، ކޮމެޓީތަކުގައި ވެސް އިދިކޮޅު އެމްޑީޕީއަށް މިނިވަންކަމާއެކީގައި ބަހުސްކޮށް، އެބޭފުޅުންގެ ކޮމެންޓުތައް ހުށަހެޅި، އެ ފުރިހަމަ މިނިވަންކަން މި އިއްޒަތްތެރި މަޖިލީހުގެ ކޮމެޓީތަކުގައި ވެސް އެބޭފުޅުންނަށް ލިބިގެންދާތަން އަޅުގަނޑުމެންނަށް ފެނިގެންދޭ. އިއްޒަތްތެރި ރައީސް. މައިނޯރިޓީއަށް އިޙްތިރާމްކޮށްގެން މަޖިލީހެއް ހިނގާ މިއީ ފުރަތަމަ ފަހަރުކަން އަޅުަގނޑު ފާހަގަކޮށްލަން ބޭނުން، -
މެންބަރު ވިދާޅުވީ، ބައެއް ކޮމެޓީތަކުގައި އިދިކޮޅު އެމްޑީޕީއަށް ކަނޑައަޅާފައިވާ ވަގުތުތަކަށް ވުރެ އިތުރަށް ވެސް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު އެމްޑީޕީގެ މެންބަރުންނަށް ދީފައިވާ ކަމަށާއި، އޭގެ ތެރޭގައި މާލިއްޔަތު ކޮމެޓީ ހިމެނޭ ކަމަށެވެ. އެގޮތުން މާލިއްޔަތު ކޮމެޓީގައި އެމްޑީޕީގެ އިތުުރު މެންބަރަކު ތިބުމަށް އެމްޑީޕީން އެދުމުން، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެ ފުރުސަތު އެމްޑީޕީއަށް ދިނީ އެ ކޮމެޓީއަކީ މުހިންމު ކޮމެޓީއަކަށް ވެފައި، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ވެސް އެމްޑީޕީގެ މެންބަރުންނަށް ދިނުމަށް ކަމުގައި މެންބަރު ވިދާޅުވިއެވެ.
"އެހެންވީމާ ތާކުންތާކުން ނުޖެހޭ ޤަރާރެކޭ މިއޮތީ ލާފައި އަޅުގަނޑު ދަންނަވާލަން ޖެހެނީ މިހެންވެގެން އިއްޒަތްތެރި ރައީސް،" މެންބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
މެންބަރު މީކާއިލް މަޖިލީހަށް އެފަދަ ޤަރާރެއް ހުށަހެޅުއްވީ، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާޒިރުކުރުމުން، ވަޒީރު ހާޒިރުކުރަން އެދުނު މެންބަރުންގެ ހުރި ސުވާލުތަކުގެ ބޭރުން އިތުރު ސުވާލުތަކެއް ކުރުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ނުދިނުމާ ގުޅިގެންނެވެ.
އެކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާޅުކުރި ނަމަވެސް، މަޖިލީހުގެ ޤަވާއިދުގެ 62 ވަނަ މާއްދާ ބުނާ ގޮތުގައި، މަޖިލީހަށް ވަޒީރަކު ޙާޒިރުކޮށް ސުވާލުކުރެވޭނީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށ،ް އެ ވަޒީރަކަށް ލިޔުމުން ފޮނުވައ،ި 14 ދުވަހުގެ މުއްދަތުގެ ނޯޓިސްއެއް ދީގެންނެވެ.
އެހެންކަމުން ރިޔާސަތުން ޢަމަލުކުރެއްވީ މަޖިލީހުގެ ޤަވާއިދުގެ ތެރެއިން ކަމުގައި މަޖިލީހުގެ ޕީއެންސީގެ މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ.