ދުންފަތުގެ ބިލް ހުށަހެޅި މެންބަރަށް މަރުގެ އިންޒާރު ދިނުން ކުށްވެރިކޮށްފި

ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު އަޝްރަގް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

30 އޭޕްރީލު 2025 - 07:25
ސަަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަހުމަދު އަޝްރަގް، ދުންފަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާއި ގުޅިގެން، އޭނާއަށް ދިން މަރުގެ އިންޒާރު، މެންބަރުން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ހަބަރެއް ހިއްސާކޮށް މީސް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ، އަޝްރަގް ހުށަހެޅި ބިލާއި ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ދީފައެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެގޮތުން އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު، ހުސްނީ މުބާރަކް ވިދާޅުވީ އެ ބިލް ހުށަހެޅުއްވި މެންބަރު އަޝްރަގުގެ ފުރާނައަށް ނުރައްކާވާ ގޮތަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި މެންބަރު ދެކެވަޑައިގަންނަވާ ގޮތުގައި، އެ މީހާ ހިއްސާ ކުރި ޕޯސްޓުގައިވާ ހަބަރުގެ ހެޑްލައިން ގެނެސްފައި އޮތް ގޮތުން، ބިލުގައި އޮތް އެއްޗެއް ސާފުނުވާ ގޮތަށް ހެޑްލައިނެއް ޖެހުމުން މެންބަރަށާއި މެންބަރުގެ ފުރާނައަށް ގެއްލުންވާ ގޮތްވީ ކަމަށް ވިދާޅުވިއެވެ. މިއާއެކު މެންބަރު ހުސްނީ ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިން ނަމަވެސް މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށާއި، އަނެކާގެ އަބުރަށް އަރައިގަނެވިގެން ނުވާނެ ކަމަށެެވެ.
މިއާއެކު އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގައި، އެ ބިލު ހުށަހެޅުއްވި މެންބަރަކު ބިލުގެ ފުރިހަމަ ޒިންމާ ނަގާކަށް ވެސް ނުޖެހޭ ކަމަށެވެ. އެގޮތުން މެންބަރު ވިދާޅުވީ، ބިލުގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިއްޔާ ބިލު ދިރާސާކުރުމުގެ ތެރޭގައި ބިލު އިތުރަށް އިސްލާހު ކުރެވޭނެ ކަމަށެވެ. އަދި ބިލް ސްޕޮންސާކޮށްދެއްވި މެންބަރަށް މީސް މީޑިއާގައި އެކި ގޮތް ގޮތުން އިންޒާރު ދިނުން ބަލައިނުގަންނަ ކަމަށް ވެސް މެނަބރު ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަޝްރަގު ހުށަހެޅުއްވި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ، ޖެނެރޭޝަން ބޭން ތަންފީޒުކުރާނެ ގޮތް، ވޭޕް މަނާކޮށްފައިވާތީ އެ ކަން ތަންފީޒުކުރަން ފުލުހުންނަށް އިތުރު ބާރު ދީފައިވާ މާއްދާތަކެއް، އަދި ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތި އިތުރަށް މަނާކޮށް، އެކަން ތަފްސީލްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޖެނެރޭޝަން ބޭން ސިޔާސަތު އެކުލަވާލަން ސިއްހީ ވުޒާރާއިން ދިރާސާކޮށް، ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށް ފަހު ކެބިނެޓުން ވަނީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށް ނިންމަވާފައެވެ. މިއާއެކު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.