ގޯޓުންނަށް ހިތްދަތި ރެޔެއް، ދެވަނަ ގޯޓުވެސް ޗެންޕިއަންސް ލީގުން ކަޓައިފި
1 މޭ 2025 - 06:22

އުތުރު އެމެރިކާގެ ޗެންޕިއަންސް ލީގު ނުވަތަ ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ކެނެޑާގެ ވެންކޫވަރ ވައިޓްކެޕްސް އަތުން ބަލިވެ ލިއޮނެލް މެސީގެ އިންޓަރ މަޔާމީ މުބާރާތާއި އަލްވަދާއު ކިޔަންޖެހިއްޖެއެވެ.
މިދެޓީމު ކުޅުނު ފުރަތަމަ ސެމީގައި 2-0 އިން އިންޓަރ މަޔާމީ ބަލިވެފައި އޮތުމުން މިމެޗަށް މަޔާމީ ނިކުތީ މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައެވެ. ނަމަވެސް ރޭގެ މެޗުގައި މަޔާމީ ލީޑު ނަގާފައިވަނިކޮށް ވައިޓްކެޕްސް ވަނީ ފަހަތުން އަރައި 3 ގޯލު ޖަހައި 5-1 ގެ އެގްރިގޭޓުން މޮޅުވެ، ޗެންޕިއަންސް ކަޕްގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މެޗުގެ 9 ވަނަ މިނެޓުގައި މަޔާމީ އަށް ލީޑު ނަގައިދިނީ ޖޯޑީ އަލްބާއެވެ. ނަމަވެސް ދެވަނަ ހާފުގައި ކައިރި ކައިރީގައި ބްރަޔަން ވައިޓް އަދި ޕެޑްރޯ ވައިޓް ލަނޑުޖަހައި މަޔާމީގެ ޓީމު ސިއްސުވާލިއެވެ. ވެންކޫވަރގެ އަނެއް ލަނޑު ޖެހީ ސެބަސްޓިއަން ބަރހޯލްޓަރއެވެ.
މުބާރާޓުގެ ފައިނަލުގައި ވެންކޫވަރ ވައިޓްކެޕްސް ޖޫން 1 ވަނަ ދުވަހުގައި ކްރޫޒް އަޒުލް ނުވަތަ ޓައިގްރެސް ޔޫއެންއޭއެލްއާ ކުރިމަތިލާނެއެވެ.
މި ބަލިވުމާއެކު މެސީގެ އިންޓަރ މަޔާމީއަށް ވިދިވިދިގެން ތިން މެޗު ބަލިވެފައިވާއިރު، މިއީ މެސީ އެ ޓީމާ ގުޅުނު ފަހުން ޖެހިޖެހިގެން 3 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގައި މެސީ ކޮންކާކަޕް ޗެންޕިއަންސް ލީގުގެ ސެމީއިން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔާފައިވާއިރު، ރޮނާލްޑޯގެ އަލް-ނަޞްރު ވެސް ވަނީ ރޭގައި އޭސިޔަން ޗެންޕިއަންސް ލީގުގެ ސެމީއިން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔާފައެވެ.