ޖާދޫ ފަނޑުނުވާ އަބަދަށްފެހި މެސީގެ ހިލޭޖެހުންތަކުން އަދިވެސް އާޝޯޚުވާވަރުވޭ، މެސީގެ ރެކޯޑްތަކާއެކު މަޔާމީ ކުރިޔަށް
13 ޖުލައި 2025 - 04:49
.png&w=2048&q=75)
މެސީއަކީ ދުނިޔޭގެ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް އެންމެ ގިނަބަޔަކު ޤަބޫލުކުރާ ކުޅުންތެރިޔާއެވެ. އުމުރުން 38 އަހަރުގައި އެމްއެލްއެސް ގައި ލިއޮނެލް މެސީ ދައްކަމުންދާ މޮޅުކުމުންވެސް މިކަން ސާބިތުވެގެންދެއެވެ.
މެސީވަނީ ނޭޝްވިލް އާއި ދެކޮޅަށް މިއަދު ކުޅުނުމެޗުގައި ހިލޅޭޖެހުމަކާއެކު ދެގޯލުޖަހާފައެވެ. މިއާއެކު މެސީވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ކޮންމެ މެޗެއްގައި ދެ ލަނޑު ޖަހާފައެވެ. އެމްއެލްއެސްގެ ތާރީޚުގައި ވިދިވިދިގެން ހަތަރު މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ފޮތުގައި ނަން ލިޔުނު މެސީ، އެ ރެކޯޑު އިތުރަށް ފުރިހަމަކޮށް، ފަސްވަނަ މެޗުގައިވެސް ދެ ލަނޑު ޖަހައިފިއެވެ. ކްލަބް ވޯލްޑް ކަޕްގެ ސަބަބުން ލީގުގެ މެޗުތައް މެދުކެނޑުމަށްފަހު އަނބުރާ ފެށި ފަހުން މަޔާމީ އިސްޓަން ކޮންފަރެންސްގެ ޕޮއިންޓް ތާވަލުގައި މިވަގުތު އޮތީ ދެމެޗު މަދުން ކުޅެ، ތާވަލުގެ 5 ވަނައިގައެވެ.
މެޗުގެ މޮޅުކުޅުންތެރިޔާ
އަށް ފަހަރު ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާއަށްދޭ އެވޯޑް ބެލަންޑިއޯ ހޯދާފައިވާ މެސީ، މެޗުގެ 17 ވަނަ މިނެޓްގައި މެސީގެ ސިގްނޭޗަރ ހިލޭ ޖެހުމަކުން ފުރަތަމަ ލަނޑު ޖެހިއެވެ. ނޭޝްވިލްގެ ޑިފެންސިވް ވޯލްގައި އޮތް ހުސްޖާގައަކުން ތިރިތިރިން ޖެހި ބޯޅާ ގޯލްކީޕަރު ޖޯ ވިލިސް އަށް ހުއްޓުވޭނެ ގޮތެއް ނުވެ ބޯޅަ ގޯލަށް ވަނެވެ.
ދެވަނަ ހާފުފަށައިގެން ފެށި ހަތަރު މިނެޓުގެ ތެރޭގައި ހާނީ މުޚްތާރުގެ ބޮލުން ޖެހި ގޯލަކުން ނޭޝްވިލް އެއްވަރުކުރިއެވެ. އެހެންނަމަވެސް 62 ވަނަ މިނެޓުގައި ގޯލްކީޕަރު ވިލިސްގެ ބޮޑު މިސްޓޭކެއްގެ ބޭނުން މެސީ ހިފައި، މެޗުގެ ދެވަނަ ގޯލުޖެހިއެވެ. މިގޯލާއެލު މޭޖަރ ލީގު ސޮކަރގެ ގޯލު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ މެސީއެވެ. މެސީ ވަނީ ދެވަނައިގައިވާ ކުޅުންތެރިޔާއަށްވުރެ 3 މެޗު މަދުން ކުޅެ، 16 ގޯލުޖަހާފައެވެ.
އިންޓަރ މަޔާމީ މިވަގުތު އޮތީ ތިންމެޗު މަދުންކުޅެ، 38 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.