logoEN
ޚަބަރު

އާމްދަނީ 6.9 އިންސައްތަ މައްޗަށް ގޮސް، ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެ

ހުސައިން ވަސީމްހުސައިން ވަސީމް

01 މޭ 2025 - 07:49

24 އޭޕްރީލް 2025ގެ ނިޔަލަށް މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 6.9 އިންސައްތަ އިތުރުވެ، 12.4 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަވެއްޖެ އެވެ.

މާލީ ވުޒާރާއިން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 24 އޭޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ. އެގޮތުން، ދައުލަތުގެ އާމްދަނީގެ ތެރޭގައި ހިމެނެނީ: ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ މިއަހަރު ލިބިފައިވާ އިރު މިދިޔަ އަހަރު ލިބިފައިވަނީ 9.4 ބިލިއަން ރުފިޔާ އެވެ. ​ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައި ވަނީ 2.8 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު ލިބިފައިފައިވަނީ 1.98 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ޓީޖީއެސްޓީ އިންނެވެ. އެގޮތުން، ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 24 އޭޕްރީލް 2025ގެ ނިޔަލަށް 617.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން: ​އެއާޕޯޓް ސާވިސް ޗާޖު/ޑިޕާޗާ ޓެކްސްގެ ގޮތުގައި މިއަހަރު ލިބިފައިވަނީ 490.5 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ 380.7 މިލިއަން ރުފިޔާ އެވެ.​އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 492.8 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ލިބިފައި ވަނީ 389.1 މިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާ އެވެ.

އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދުގެ މައިގަނޑު ބައިތަކަށް ބަލާއިރު ​މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 3.7. ބިލިއަން ރުފިޔާ މިއަހަރު ހޭދަކުރި އިރު މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ​އިދާރީ ހަރަދުތަކަށް 5.9 ބިލިއަން ރުފިޔާ މިއަހަރު ހޭދަކުރި އިރު މިދިޔަ އަހަރު ހޭދަކޮށްފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައެވެ.

ކޮމެންޓް

871x217_placeholder