އަދާލަތު ޕާޓީ ކުރިއަރުވަން ޝަހީމްގެ ވަރުގަދަ ތަސައްވުރެއް: ޕާޓީގެ ސަފުތައް އަލުން އިއާދަކުރުން އެންމެ ފުރަތަމަ ކުރައްވާނެ ކަމެއް


01 މޭ 2025 - 11:49
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އަދާލަތު ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ އެ ޕާޓީ ކުރިއަރުވަން ކުރައްވާނެ ކަންކަން ހާމަކުރައްވައިފައެވެ.
މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވިކަން ހާމަކުރެއްވީ އިއްޔެއެވެ.
މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމާ އެކަން އިޢުލާނު ކުރުމުން ޕާޓީގެ ވަރަށް ގިނަ މެންބަރުން މަރުޙަބާ ކިޔާފައިވާ ކަމަށެވެ. އަދި އޭނާގެ ތަސައްވުރާ ގުޅޭ ގޮތުން ސުވާލު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ ޕާޓީގެ ސަފުތައް އަލުން އިޢާދަކުރުން. ޕާޓީގެ އެއްބައިވަންތަކަން ޤާއިމު ކުރުން. ޕާޓީ އުފެއްދުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި ޢިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުން،" ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަހީމް ވަނީ އަދާލަތު ޕާޓީ ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި މެންބަރުން ޝާމިލުވާނެހެން ޕާޓީގެ ފަންޑެއް ޤާއިމުކޮށް ޕާޓީގެ އަމިއްލަ ފުދުންތެރިކަން ޤާއިމުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މި ފަންޑުގެ މަޤްޞަދުތަކުގެ ތެރޭގައި މެންބަރުން ބިނާކުރުމާއި، މެންބަރުން އިތުރު ކުރުމާއި، މެންބަރުންނަށް ޒަމާނީ މަތީ ތަޢުލީމު ދިނުމާއި، ޚާއްޞަ ޙާލަތްތަކުގައި އެހީވުމާއި، އިންތިޚާބުތަކުގައި ޚަރަދަށް ބޭނުންވާ ފައިސާ ޙަލާލު ގޮތުގައި ހޯދުން ހިމެނެއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، އިލްމުވެރިންގެ މަޖިލީހުގެ ދައުރު ފުޅާކޮށް، އަދާލަތު އެކަމަށްޓަކައި ޤާއިމުވި އަސާސްތައް ރާއްޖޭގައި ދަމަހައްޓަން އިސްލާމީ ރިސާލަތު ނަގަހައްޓައި ފެތުރުން ވަރުގަދަކޮށް ފުޅާ ކުރާނެ ކަމަށެވެ. އަދި އިސްލާމީ މަކާރިމުލްއަޚްލާޤުގެ އިމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގައި ފުޅާ ކުރާނެ ކަމަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަވަށްޓެރި ޤައުމުތަކާ ރަނގަޅު ގުޅުމެއް ޤާއިމުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަހީމްގެ ތަސައްވުރުގައި، ފަލަސްޠީނުގެ މައްސަލައަށް ޕާޓީގެ ޚާއްޞަ މަންދޫބެއް ޢައްޔަންކުރުމާއި، އިސްލާމީ ދުނިޔެއިޔެއާ ގުޅުންތައް ބަދަހިކޮށް، އިސްލާ މީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ހަރުދަނާ ޕާޓީއަކަށް އަދާލަތު ޕާޓީ ހެދުން ހިމެނެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިންތިޚާބުތަކުގައި ވަކި މީހަކަށް ތާއީދުކުރުމަށް ޕާޓީއަށް މަޖުބޫރު ނުކުރާނެ ކަމަށާއި، ޕާޓީގެ ކަންކަން ނިންމާނީ ދީމުޤްރާޠީ އުސޫލުން މަޝްވަރާގެ ތެރެއިން ކަމަށެވެ.
މިނިސްޓަރު ޝަހީމްގެ މި ތަސައްވުރު ހާމަކުރެއްވުމާ ގުޅިގެން، އަދާލަތު ޕާޓީގެ މެންބަރުންގެ މެދުގައި ޝައުޤުވެރިކަން އުފެދިފައިވާކަން ފާހަގަކުރެވެއެވެ. ޕާޓީގެ ގިނަ މެންބަރުން މި ތަސައްވުރަށް މަރުޙަބާ ކިޔާފައިވާއިރު، ބައެއް މެންބަރުން މި ތަސައްވުރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާކަން ފާހަގަކުރެވެއެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާ އެހެން ބޭފުޅުންގެ ތަސައްވުރުތައް އަދި ހާމަވެފައި ނުވާއިރު، ޝަހީމްގެ މި ތަސައްވުރަކީ ޕާޓީގެ މުސްތަޤުބަލަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިތުރު ލިޔުންތައް

މިދައުރުގައި 1000 އިމާމުން އުފައްދާނަން: ޑރ.ޝަހީމް
8 މަސް ކުރިން
މި ކުރަނީ ކުރިއަށް އޮތް ގަރުނަށް ގައުމު ވަރުގަދަ އިސްލާމީ އަގީދާއެކު ފޯރުކޮށް ދިނުމުގެ މަސައްކަތް: ޝަހީމް
8 މަސް ކުރިން
އިންޓަނޭޝަނަލް ޤުރްއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކަށް ތިން ވަނަ
7 މަސް ކުރިން