logoEN
ކުޅިވަރު

އަންނަސީޒަނުގައި ތަށިނަގަން އާރސެނަލް ހުސްއަތާ ސީޒަން ނިންމާލިއިރު، ޕީއެސްޖީ ފައިނަލަށް

ޕީއެސްޖީ އާއި އާރސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްޖީ

ޕީއެސްޖީ އާއި އާރސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ޕީއެސްޖީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

08 މޭ 2025 - 04:00

އަންނަ ސީޒަނުގައި ތަށިނަގަން މިސީޒަނުގެ ހުރިހާ މުބާރާތަކުން ބަލިވެ އާރސެނަލް ހުސްއަތާ ސީޒަން ނިންމާލައިފިއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ ލެގުގައި ރޭގައި އާރސެނަލް ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އާއި ވާދަކޮށް އެގްރިގޭޓް ސްކޯރ 3-1 އިންބަލިވެ މުބާރާތާއި ވަކިވެފައިޥާއިރު، ޕީއެސްޖީ ވަނީ ކުލަބުގެ ތާރީޚުގައި ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ފައިނަލުން ޖާގަހޯދާފައެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-1 އިން ޕީއެސްޖީ މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ 25 މިނެޓު އާރސެނަލް އިން މެޗު ކޮންޓްރޯލްކޮށްގެން ގިނަހަމަލާތަކެއް ފޮނުވާލިނަމަވެސް ޕީއެސްޖީގެ ކީޕަރުވަނީ ހުޝިޔާރުކަމާއެކު އެހުރިހާ ހަމަލާއެއް ހުއްޓުވާފައެވެ. މެޗުފެށިގެން ކައުންޓަރ އެޓޭކިންގ ފުޓްބޯޅައަށް ބަރޯސާވެ، މެޗުގެ 27 ވަނަ މިނެޓްގައި ފަބިއަން ރުއިޒްގެ ހާފް-ވޮލީއަކުން ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. އަދި 72 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ވަނީ ދެވަނަ ގޯލް ޖަހާފައެވެ. އާރސެނަލްގެ ހަމައެކަނި ގޯލު ބުކާޔޯ ސަކާ ޖެހީ މެޗުގެ 76 ވަނަ މިނެޓުގައެވެ.

މި ކާމިޔާބީއާއެކު ފަސް އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގަހޯދާފައެވެ. ފައިނަލްގައި ޕީއެސްޖީ ވާދަކުރާނީ އިއްޔެ ބާސާ ބަލިކޮށް ފައިނަލުން ޖާގަ ހޯދި އިންޓަރ މިލާން އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މެއި 31 ވަނަ ދުވަހުއެވެ.

2020 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން އަތުން 1-0 އިން ބަލިވެފައިވާއިރު، ކުލަބުގެ ތާރީހުގައި މިހާތަނަށް ޗެންޕިއަންަސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން 3 ފަހަރު ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިންޓަރ މިލާން 2023 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ އަތުން 1-0 އިން ވަނީ ބަލިވެފައެވެ.

އެހެންކަމުން މިދެޓީމުވެސް ފައިނަލަށް ނިކުންނާނީ މިމުބާރާތުގައި ފަހަކަށް އައިސް ލިބުނު ހިތްދަތިކަމުން އަރައިގަނެ، ކާމިޔާބީ ހޯދުމުގެ އަޒުމުގައެވެ.

ކޮމެންޓް

871x217_placeholder