ސިނާމާލެ ބުރިޖުގެ އިންސްޕެންޝަނުން ދެއްކީ ބުރިޖުގެ ޙާލަތު އަދިވެސް ވަރަށް ރަނގަޅުކަމަށް
8 މޭ 2025 - 06:27

މީގެ 7 އަހަރު ކުރިން ބޭނުންކުރަން ފެށި ސިނަމާލެ ބުރިޖުގެ ޙާލަތު އަދިވެސް ވަރަށް ރަނގަޅުކަމަށް އެ ބުރިޖުގެ އިންސްޕެކްޝަނުން ދައްކާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އައު ސަފީރު ކޮންގް ޝިއަންހު މިއަދު ވިދާޅުވެއްޖެއެވެ.
ސަފީރު އެފަދައިން ވިދާޅުވީ ސިނަމާލެ ބުރިޖުގެ އިންސްޕެކްޝަން މަސައްކަތްތައް ކުރާ، އެ ބުރިޖު ހެދި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގެ ޓީމާއެކު ކުރެއްވި ބައްދަލުކުރެއްވުމަށްފަހު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އޭގެ އިތުރު ތަފްސީލު ދެއްވަމުން ސަފީރު ވިދާޅުވި ގޮތުގައި، ބުރިޖުގެ ޙާލަތު އެހާ ރަނގަޅުކޮށް އޮތީ އެ ބުރިޖު ބެލެހެއްޓުމުގެ މަސައްކަތް ޗައިނާގެ ޒުވާން އަދި ފަންނުވެރި ޓީމުތަކުން ކުރާތީއެވެ. އަދި އެ މަސައްކަތުގައި ބައެއް ދިވެހި ޒުވާން ފަންނުވެރިން ވެސް ބައިވެރިވާ ކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވަނީ، އެފަދަ ފަންނުވެރި މަސައްކަތުގައި ގިނަ ދިވެހީން ބައިވެރިވެ، އެ ބުރިޖު ބެލެހެއްޓުން މުޅިން ދިވެހީންގެ އަތްމައްޗަށް ދޫކޮށްލުމަކީ ފެންނަން ބޭނުންވާ މަންޒަރެއް ކަމުގައި ވެސް ވިދާޅުވެފައެވެ.
ސިނަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ޗައިނާގެ ސަރުކާރާއެކު ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެ ފަހުމުނާމާގެ ދަށުން ޕްރީ ފީސިބިލިޓީގެ މަސައްކަތް ނިންމައި، ބުރިޖު މަޝްރޫޢުގެ ރަސްމީ އެއްބަސްވުމުގައި ދެ ސަރުކާރުގެ ފަރާތުން ސޮއިކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
ސިނަމާލެ ބުރިޖު -- ފޮޓޯ/ ޓްވިޓާ
އޭގެ ފަހުން އެ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު، ޗައިނާގެ ސަރުކާރުގެ ފަރާތުން އެ މަޝްރޫއުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ ހަމަޖެއްސުމާއެކު، އެ ބުރިޖުގެ މަސައްކަތްތައް ރަސްމީކޮށް ފެށުނެވެ. އެ ބުރިޖުގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައް އެ ކުންފުނިން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ސިނަމާލެ ބުރިޖު ރަސްމީކޮށް ނިންމައި، ޢާންމުންންނަށް ހުޅުވާލައިފައިވަނީ 30 އޮގަސްޓު 2018 ގައެވެ. 1.4 ކިލޯމީޓަރުގެ އެ ބުރިޖަކީ މުޅި ޖުމްލަ ގާތްގަޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިމާރަތްކުރި ބުރިޖެކެވެ.


