ރައީސް މުޢިއްޒު: ތެލަސީމިއާ ކުދިންގެ ވޭނާއި އުދާސްތައް އަޑުއައްސަވައި އުފާވެރިކަން ގެނެސްދެއްވި ރައީސް


09 މޭ 2025 - 10:00
އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ރައީސް ޑރ. މުޙަމްމަދު މުޢިއްޒު ވަނީ ތެލެސީމިއާ ކުދީންނަށް އެއްވެސް ތަފާތުކުރުމެއްނެތި، ދިވެހި މުޖުތަމަޢުން ލިބެންހުރި ހުރިހާ ފުރުޞަތުތަކެއް ފަހިކޮށްދޭންޖެހޭކަން ފާހަގަކުރަށްވައި، ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަށް އިލްތިމާސް ކުރަށްވާފައެވެ.
އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި އޮތީ އެ އިލްތިމާސާއި، އެ ވިސްނުންފުޅުގެ މަތީގައިކަން ކަށަވަރެވެ. އެކަން ކަށަވަރުވެގެން ދަނީ ޒަމާނުއްސުރެ ރާއްޖޭގެ ތެލަސީމިއާ ބަލީގެ ކުދީންނާއި، މީހުންނާއި ޢާއިލާތަކުގެ ކަންބޮޑުވުންތަކާއި އުދާސްތަކަށް އެއްވެސް ތަސައްލީއެއް ނުލިބިވަނިކޮށް، އެ ފަރާތްތަކަށް އުފާވެރިކަމުގެ އިހްސާސް ގެނެސްދެއްވި ރައީސަކީ ރައީސް މުޢިއްޒުކަމުގައި ވެގެންދިޔުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލަސީމިއާ ކުދިންގެ ދަތި އުނދަގޫ ހާލަތަށް ސަމާލުކަން ދެއްވައި، އެ ކުދިންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ފައްޓަވާފައެވެ.
ތެލަސީމިއާ އަކީ ޤައުމީ މައްސަލައެއް
ތެލަސީމިއާއަކީ ދިވެހިރާއްޖޭގައި ޞިއްޙީ ޤައުމީ މައްސަލައެކެވެ. ދުނިޔޭގައި އެންމެ ގިނައިން ތެލަސީމިއާ ބަލި ފެންނަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ރާއްޖޭގައި ބީޓާ-ތަލަސީމިއާގެ ޖީން އުފުލާ މީހުންގެ ނިސްބަތް އަންދާޒާ ކުރެވެނީ އާބާދީގެ 16-18% އަށް އަރާކަމަށެވެ. އަދި ގާތްގަނޑަކަށް އަހަރަކު 28 އައު ބީޓާ-ތަލަސީމިއާ ކޭސް ރިޕޯޓް ކުރެއެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބަލިމީހުންނަށް އަބަދުވެސް ލޭ އެޅުމުގެ ބޭނުން ޖެހެއެވެ. ދިވެހިރާއްޖޭގައި ތަލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ދަނީ 2012 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރެވުންނެވެ. މި ޤާނޫނުގެ ދަށުން ކައިވެނި ކުރުމުގެ ކުރިން ތަލަސީމިއާ ޓެސްޓް ހެދުމާއި، ބަލި ޖެހިފައިވާކަން އެނގުމުން ތަލަސީމިއާ ސެންޓަރުގައި ރަޖިސްޓްރީ ކުރުން ލާޒިމް ކުރެއެވެ.
ރާއްޖޭގައި މިހާރުވެސް 955 ކުއްޖަކު ޞިއްޙީ މި ޙާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިއްބެވެ. އަދި 666 ކުއްޖަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
ރައީސްގެ މެނިފެސްޓޯގައި ތެލަސީމިއާ ޕޭޝަންޓުންނާއި ޢާއިލާތަކަށް ޚާއްޞަކަމެއް
ރައީސް ޑރ. މުޢިއްޒު ރިޔާސީ މެނިފެސްޓޯގައި ވެސް ވަނީ ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަކަމެއް ދެއްވާފައެވެ. މިގޮތުން ތެލަސީމިއާ ޕޭޝަންޓުންނަށް ދެވެމުން އަންނަ ޚިދުމަތްތައް އިތުރަަށް ހަރުދަނާކޮށް، ފުޅާކުރުމަށް ވަނީ ހިމަނުއްވަވާފައެވެ. އަދި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް އިތުރަށް ފަހިކުރުމަށް ހިމަނުއްވާފަވެއެވެ. ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ޤާއިމްކުރުމަކީ ވެސް ތެލަސީމިއާ ޕޭޝަންޓުންނާއި، ޢާއިލާތަކަށްޓަކައި ރައީސްގެ މުހިންމު އެއް ވަޢުދެވެ. މިކަންކަމާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައިކަން ފާހަގަކޮށްލެވެ.
ރައީސް ތެލަސީމިއާ ސެންޓަރަށް، ޕޭޝަންޓުންނާއި، ޢާއިލާތަކާއި ބައްދަލުކުރަށްވައި އަޑުއެއްސެވި
23 މާރިޗް 2025 ގައި ރައީސް މުޢިއްޒު ވަނީ ނެޝަނަލް ތެލަސީމިއާ ސެންޓަރު (އެމްބީއެސް) އަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލައްވައި، އެތަނުގެ ވެރިންނާއި މަޝްވަރާކުރަށްވާފައެވެ. އަދި އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. އަދި އެމަނިކުފާނު ވަނީ އެކަންކަމަށް އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ތެލިސީމިއާ ޕޭޝަންޓެއްގެ ބެލިވެރިއެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސް ހަމައެދުވަހު ވަނީ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށާއި، ތެލެސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކުރަން އަންގަވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ތެލިސީމިއާ ކޮމެޓީއާއި ވެސް ބައްދަލުކުރަށްވައި އެ ފަރާތްތަކުގެ އަޑު އައްސަވާފައެވެ.
ރައީސް ތެލިސީމިއާ ކޮމެޓީއާއި ވެސް ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ސެންޓަރު އޮރެންޖް ހިޔާ އަށް
ތެލަސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަމަށް އޮތީ ހައްލެއް ހޯދަންޖެހިފައެވެ. އަދި ޚިދުމަތްތައް ފުޅާކުރުމަށް، ހޮސްޕިޓަލެއް އެޅެންދެން ވެސް އެހެން އިމާރާތެއްގެ ބޭނުން އޮތީ ޖެހިފައެވެ. އެހެންވެ ރައީސް ވަނީ ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްފަހު "އޮރެންޖް ހިޔާ" އިމާރާތަށް ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ނިންމަވައި ޤައުމީ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ހަލުވިކަމާއެކު ނިންމަން ދިވެހި ސިފައިންނާއި އެ މަސައްކަތް ހަވާލުކުރައްވާފައެވެ. އެކަން ރައީސް ހާމަކުރެއްވީ 27 މާރިޗް 2025 ގައެވެ.
ދިވެހި ސިފައިން ވަނީ އެ މަސައްކަތް ނިންމައި އިއްޔެ (8 މެއި 2025) ގައި ސިއްހީ ވުޒާރާއާއި އެތަން ހަވާލުކޮށްފައެވެ.
އޮރެންޖް ހިޔާގެ މަސައްކަތް ނިންމާ ސިފައިން އިއްޔެ ވަނީ އެތަން ސިއްހީ ވުޒާރާއާއި ހަވާލުކޮށްފައި، ފޮޓޯ: އެމްއެންޑީއެފް
''އަޅުގަނޑު އެ ބޭފުޅުންނާ ބައްދަލުކޮށް، ނޫނީވިއްޔާ ތެލަސީމިއާ ސެންޓަރަށް ގޮސް، މި ކަންތައްތައް ބަލައި، މަސައްކަތްތަކެއް ފެށިން. ދެން މިއަދާ ހަމަޔަށް އައިއިރުގައި، އިރާދަކުރެއްވީތީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ. އެއްކަމަކީ ތެލަސީމިއާ ސެންޓަރު މާލޭގައި ހިންގަމުންދިޔަ ތަން ހިންގުން ހުޅުމާލޭގައި، މި "އޮރެންޖް ހިޔާ" ކިޔާ އިމާރާތުގައި ހިންގޭގޮތަށް މިވަނީ ހަމަޖެހިފައި މިހާރު. ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިގެން. އިރާދަކުރެއްވީތީ، ވަރަށް ޖާގަބޮޑު، ވަރަށް ތަނަވަސް ތަނެއް އެއީ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ("ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑް، 8 މެއި 2025)
''ދެން ޖާގައިގެ އިތުރަށް ވަސީލަތްވެސް ރަނގަޅުވާނެ. ކުރިއަށް އޮތް ތާނގައި އަދި އިތުރު ވަސީލަތްތައް ލާނަން. ބަޖެޓް ހަމަޖެއްސުމުގައި އަޅުގަނޑު ވާނީ ހުރިހާ އެޕްރޫވަލްއެއް ދީފައި. ފިނޭންސް މިނިސްޓްރީއަށް އަންގާފައި. ހޯދަންވާ ހުރިހާ ތަކެއްޗެއް ހޯދައިދިނުމަށް އިނގޭތޯ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ("ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑް، 8 މެއި 2025)
ސިފައިން އޮރެންޖް ހިޔާ ނިންމާފައި، ފޮޓޯ: އެމްއެންޑީއެފް
ތެލަސީމިއާ ސެންޓަރު ހިންގުން ހަރުދަނާކުރުމާއި ޚިދުމަތް ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް
ރައީސްގެ އިރުޝާދާއި އެއްގޮތަށް، ތެލަސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް 24 މާރިޗް 2025 ގައި ވަނީ އެތަނަށް ވަގުތީ ގޮތުން ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައެވެ. އަދި ދާއިމީ ޑީޖީއެއް ހޯދަން މިދިޔަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ވަނީ މިހާރު ޢިއުލާންކޮށްފައެވެ.
މީގެ އިތުރުން އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށާއި ޑިރެކްޓަރެއްގެ މަޤާމަށް ބޭފުޅުން ހަމަޖެއްސުމާއި، އެމްބީއެސްއަށް ފިޒީޝަނެއް ހަމަޖެއްސުމާއި، އެމްބީއެސްއަށް މިވަގުތު ބޭނުންވާ 5 ނަރުހުން ހޯދައި، އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
''ވަރަށްގިނަ އެހެން މައްސަލަތައްވެސް ޙައްލުކުރުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ. މުވައްޒަފުންގެ ގޮތުން ބަލާއިރުގައިވެސް، ނަރުހުން އިތުރުކުރުމަށްވެސް ހުއްދަދީ، ނަރުހުން ނެގުމުގެ މަސައްކަތްވެސް އެބަ ކުރިއަށްދޭ. އަދި އޭގެއިތުރަށް، ޖުމްލަކޮށް މުޅި ތަނަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރުކުރުމަށްވެސް. އަޅުގަނޑު ހަނދާންވަނީ، ބާރަވަރަކަށް މުވައްޒަފުން އިތުރުކުރަން ހުއްދަ ލިބި، މިހާރު އެ މަސައްކަތްވެސް ދަނީ ކުރިއަށް އިނގޭތޯ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ("ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑް، 8 މެއި 2025)
ރައީސް ތެލިސީމިއާ ކޮމިއުނިޓީއާއި ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ތެލިސީމިއާ ސެންޓަރު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރެއްވުން
ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެތަން ބަދަލުކުރަން ނިންމަވާފައިވާކަން ރައީސް ޢިއްޔެ ވަނީ ޢިއުލާން ކުރަށްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލާއެކު ތެލެސީމިއާ ބަލިމީހުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެ، ރަނގަޅުވާނެ ކަމަށެވެ. ޚާއްޞަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ޙައްލު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު، މުޅި ރާއްޖޭގައި ކޮންމެ އަތޮޅެއްގައިވެސް ހިންގާ އޮފްޝޫޓް ޚިދުމަތްތައްވެސް ހަރުދަނާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލު ގެނައުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދުމަށް ބަޖެޓް ހަމަޖައްސަވާފައއިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ގޮތުން ބަލާއިރު، ނަރުހުންނާއި އެހެނިހެން މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ތެލެސީމިއާ ސެންޓަރާއި ބްލަޑް ސަރވިސް ހިންގުމުގެ ކަންކަމާ ހަވާލުވާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މި ބަދަލާއެކު ތެލެސީމިއާ ބަލިމީހުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ތެލެސީމިއާ ކުއްޖެއްގެ ބެލެނިވެރިއެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް
''މިހާރު ކުރިއަށްދާ މަރުޙަލާއަކީ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އެތަނާ ހަވާލުވުމުގެ ޓްރާންސިޝަން އެތަނުގެ ތެރޭގައި ވީހާވެސް ސްމޫތްކޮށް ގެންދިޔުމަށްޓަކައި އެކިއެކި ޑިޕާޓްމަންޓްތަކުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންކަން، މަޝްވަރާ ކުރެވިގެން ގެންދިޔުމުގެ މަރުޙަލާގައި މިހާރު މިދަނީ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދިހަވަރަކަށް ދުވަސް ތެރޭގައި، ނޫނީ އެންމެ ގިނަވެގެންވެސް ދެ ހަފްތާ ތެރޭގައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އެކީގައި ހަވާލުވާނެ، ތެލަސީމިއާ ސެންޓަރ، ބްލަޑް ސަރވިސް ހިންގުމުގެ ކަންކަމާ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ("ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑް، 8 މެއި 2025)
''ދެން ހަމަ އޭގެދަށުން މުޅި ރާއްޖޭގައި، ކޮންމެ އަތޮޅެއްގައިވެސް އެ ހިނގާ އޮފްޝޫޓް ޚިދުމަތްތައްވެސް ހިނގަމުންދާނީ. މިއީ ވަރަށްބޮޑު ބަދަލެއް. ދެން ހަމަ އޭގެތެރެއިން، މިހާރު ހުޅުމާލެއަށް ބަދަލުވެފައިވާތީ، ހުޅުމާލޭގައި މި ޚިދުމަތް ދޭއިރުގައި، ހުޅުމާލޭގައި ހުރި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހޮސްޕިޓަލް މީގައި ވަރަށްބޮޑު ދައުރެއް އަދާކުރާނެ. ދެން މި ލޭ ނަގައި، މާލެއިން ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް، ހަމަ އައި.ޖީ.އެމް.އެޗް.ގައި ލޭ ހަދިޔާކޮށްފައި، ހަމަ ހޮސްޕިޓަލްގެ ފަރާތުން އެކޮޅަށް ސެކިއޮރކޮށް ޓްރާންސްފަރ ކޮށްދިނުމާއި، މިހެންގޮސް ވަރަށްގިނަ ކަންކަން ރަނގަޅުވާނެ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ("ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑް، 8 މެއި 2025)
ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ ބަސް ސްޓޮޕެއް، ހިލޭ ދަތުރު
ހުޅުމާލޭގައި ގާއިމުކުރި ތެލެސީމިއާ ސެންޓަރަށް ހާއްސަ ބަސް ސްޓޮޕަކާ އެކު ހިލޭ ދަތުރުކުރެވޭ ގޮތަށް، ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންނަށް ހާއްސަ ކާޑެއް ތައާރަފުކޮށްފައިވާ ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވިގޮތުގައި އެ ސަރަހައްދަށް ހާއްސަ ބަސް ސްޓޮޕެއް އިތުރުކޮށް ހިލޭ ދަތުރުކުރެވޭނެ ގޮތަށް ކާޑެއް ތައާރަފުކުރީ، ހުޅުމާލެއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުން ދިމާވެދާނެ ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ހޯދައިދީ ފަސޭހަކޮށްދިނުމަށް ކަމަށެވެ."ހާއްސަ ބަސް ސްޓޮޕެއް މިހާރު އެ ހަމަޖެހުނީ. ދެން އާރްޓީއެލްގެ ރޫޓެއް އެ ތަނަށް އިތުރުކުރެވުނީ. އޭގެ އިތުރަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ކާޑެއް ތައާރަފުކުރެވިފައި މިވަނީ ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންނަށް ދެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ތެލެސީމިއާ ކުއްޖެއްގެ ބެލެނިވެރިއެއްގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޚަރަދުގައި ބޯން މެރޯ ޓްރާންސްޕްލާންޓް
ބޯން މެރޯއަކީ އާސަންދައިގެ ދަށުން ހިލޭ ހޯދޭ ފަރުވާއަކަށް ހަދަން މި ސަރުކާރުން ވަނީ 2023 ގައި ނިންމާފަ އެވެ. އެގޮތުން 6 ކުދިން މިިދިޔަ އަހަރުގެ ތެރޭގައި ވަނީ ފޮނުވާލަފަ އެވެ. އެ ކުދިން ވަނީ އެ ފަރުވާއަށް ފަހު މިހާރު ރާއްޖެ އައިސްފައެވެ. ދައުލަތުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް 40 ކުދިން ލިސްޓުކޮށްފައިވާއިރު، އެކަމަށް56 މިލިއަނެއްހާ ރުފިޔާ އެކަމަށް ހަރަދުވާނެ އެވެ.
ރައީސް އިއްުޔެ ވިދާޅުވި ގޮތުގައި މިހާރު ވެސް 14 ކުދިންނަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެބަ ހިނގައެވެ.
''އަޅުގަނޑު ވަޢުދުވީ، ސަރުކާރު ޚަރަދުގައި އެކަން ކޮށްދޭން ދޮގެއްތޯ؟ ދެން މިހާރު 14 ކުދިންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭ އެބަ. ދެން އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ. ބޯންމެރޯ ޓްރާންސްޕްލާންޓް ޚިދުމަތް ކުރިއަށްދާނެ. ދެން އޭގެއިތުރަށް، ރާއްޖޭގައި ތެލަސީމިއާ ފުލް ފްލެޖް ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް އެވަނީ ފެށިފައި. އޭގެ އިންވެސްޓަރާ އެކީގައި، އިންވެސްޓް ކުރާނެ ފަރާތަކާ އެކީގައި، އެގްރީމަންޓެއްގެ ތެރެއަށް ގޮސް، ޢަމަލީ މަސައްކަތަށް ދިޔުމުގެ މަރުޙަލާއަށް ދިޔުން މިހާރު ކުރިއަށް އެދަނީ.'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ("ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑް، 8 މެއި 2025)
ރައީސް ތެލެސީމިއާ ސެންޓަރގެ މުވައްޒަފުންގެ އަޑު އައްސަވަނީ، ފޮޓޯ: ރައީސް އޮފީސް
ޤައުމީ މާސްޓަރ ޕްލޭނެއް
ސަރުކާރުން ދަނީ ތެލިސީމިއާއާ ގުޅޭ ޖާމިޢު މާސްޓަރ ޕްލޭނެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ފަރުވާ ރަނގަޅު ކުރުމާއި ބަލި ކޮންޓްރޯލް ކުރުމުގެ ސްޓްރެޓެޖީތައް ހިމެނެއެވެ. މިއީ ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭނެކެވެ.
ތަލަސީމިއާ ހޮސްޕިޓަލެއް
ކުރިން ވެސް ފާހަގަކުރިގޮތަށް ހުޅުމާލޭގައި އެތެރެ ބަލިމީހުންނާއި ބޭރު ބަލިމީހުންނަށް ޚިދުމަތް ދެވޭ ޚާއްޞަ ހޮސްޕިޓަލެއް އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން އަންދާޒާ ކުރަނީ މި މަޝްރޫޢު މިއަހަރު ފެށޭނެކަމަށެވެ.
ތެލަސީމީއާ ކުދިންނަށް ދޭ ޚިދުމަތްތައް ޒަމާނީކޮށް، ލުއިފަސޭހަކަމާއެކު ފޯރުކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. އެވަޢުދާއެއްގޮތަށް، ހުޅުމާލޭގައި ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލުގެ އިންޖިނިއަރިންގ އާއި ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ތެލިސީމިއާ ހޮސްޕިޓަލް އަޅަން އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ހެލްތް މިނިސްޓްރީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާން ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ.
ރައީސް، ތެލެސީމިއާ ސެންޓަރު ބަދަލުކުރަން މަރާމާތުކުރި އޮރެންޖް ހިޔާ ބައްލަވާލެއްވުމަށްފަހު، ފޮޓޯ: ރައީސް އޮފީސް
ތެލިސީމިއާ ޕޭޝަންޓުންނާއި ޢާއިލާތަކުގެ ހިތްތަކަށް ޙަޤީޤީ ތަސައްލީ ގެނެސްދެއްވި ރައީސް
އެކިވެރިކަންތައް ދެކި އަޅާނުލައި ދޫކޮށްލާފައި އޮތް ތެލަސީމިއާގެ ހާސްކަން ތަހައްމަލުކުރަމުންދާ ޕޭޝަންޓުންނާއި އާއިލާތަކަށް އުންމީީދު ގެނެސްދެއްވީ ރައީސް މުޢިއްޒެވެ. އެމަނިކުފާނު ގެންދަވަނީ އެ ފަރާތްތަކުގެ އަޑު އެއްވެސް މެދުވެރިއެއްނެތި ގާތުން އައްސަވަމުންނެވެ. އަދި އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި، ކަންބޮޑުވުންތަކާއި އުދާސްތަކަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއެއް ދެއްވަމުންނެވެ.
ތެލަސީމިއާ ސެންޓަރު ހުޅުމާލޭގެ "އޮރެންޖް ހިޔާ" އިމާރާތަށް ބަދަލުކުރުމާއި، އެތަނުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމާއި، ނަރުހުންނާއި އެހެނިހެން މުވައްޒަފުން އިތުރުކުރުމާއި، ތަން ހިންގާ ގޮތް ބަދަލުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ނިންމެވުމާއި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ނިންމެވުމާއި، ތެލަސީމިއާ ކުދިންނާއި ބެލެނިވެރިންނަށް ހިލޭ ދަތުރުކުރެވޭ ކާޑު ތަޢާރަފުކުރެއްވުމާއި، ބޭހާއި ކޮންސިއުމަބަލްސްގެ ދަތިތައް ޙައްލުކުރުމަށް މަސައްކަތްކުރެއްވުމާއި، ބޯންމެރޯ ޓްރާންސްޕްލާންޓް ޚިދުމަތް ފޯރުކޮށްދެއްވުމާއި އަދި ހުޅުމާލޭގައި ތެލަސީމިއާއަށް ޚާއްޞަ ފުލް ފްލެޖް ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ފެއްޓުންފަދަ މަސައްކަތްތަކާއި ކަންކަމަކީ ރައީސް މުޢިއްޒުގެ މިހިނގާ ވެރިކަން ފިޔަވައި، މީގެ ކުރީން އެއްވެސް ވެރިކަމެއްގައި ތެލަސީމިއާ ޕޭޝަންޓުންނާއި ޢާއިލާތަކަށް ދިން އަހައްމިއްޔަތެއްނޫނެވެ.
ތެލަސީމިއާ ކުދިންނަށް ހިތްވަރުދެއްވައި، އެކުދީންގެ އަގުވަޒަންކުރައްވައި ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ތެލަސީމިއާ ކުދިންނަކީ ވަރަށް ހިތްވަރުގަދަ، އެކި ދާއިރާތަކުން ކިޔަވާފައި ތިބި ކުދިންނެވެ. އެ ކުދިންގެ ޚިޔާލާއި މަޝްވަރާއާއެކު ސަރުކާރުން މި މައްސަލައަށް ޙައްލެއް ގެނައުމުން، އަޞްލު ދާއިމީ ރަނގަޅު ޙައްލަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން، ތެލަސީމިއާ ކުދިންނަށް އުފާވެރިކަމާއި އުއްމީދު ގެނެސްދެއެވެ. ވެރިއެއްގެ މަދަދާއި ލޯތްބާއި އަޅާލުމަށްވުރެ ވަކީން ބޮޑު އުންމީދަކީ ކޮބައި ހެއްޔެވެ؟ އުފަލަކީ ކޮބައި ހެއްޔެވެ؟ ތެލަސީމިއާ ކުދިންގެ ވޭނާއި އުދާސްތައް އަޑުއައްސަވައި އުފާވެރިކަން ގެނެސްދެއްވި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށް ދެންނެވެނީ އެހެންވެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން