ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިއްޖެ: ވަޒީރު އާއިޝަތު

30 މާރިޗު 2025: ފިތުރު ޢީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
10 މޭ 2025 - 05:26
"ކޮންމެ ކުއްޖަކަށް ޢާއިލާއެއް"ގެ ނަމުގައި މި ސަރުކާރުން ފެށި ޚާއްސަ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުއްޖަކަށް، ޢާއިލާއެއް ހޯދައިދެވިފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި، އެ ދުވަހުގެ ތަހުނިޔާ ކުޑަކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، އަޅައިލާ ބަލަހައްޓާ ފަރާތްތަކަށް، އަދި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ކުޑަކުދިންގެ ހެދިބޮޑުވުމާއި، ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅުކަމަކީ ޢައިލާގެ ލޯތްބާއި އަޅައިލުން ލިބޭ އަދި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ޢާއިލީ ވެއްޓެއް ކަމަށާއި، އެފަދަ މާޙައުލެއްގައި ކުދިން ބޮޑުވުމަކީ އެކުދިންގެ މުސްތަޤުބަލު ބިނާކުރުމަށް އެޅޭ ހަރުދަނާ ބިންގަލެއް ކަމަށެވެ.
އެހެން ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ޙާލަތްތައް ވެސް މެދުވެރިވާ ކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައި އެނގޭ ކަމަށެވެ.
އެހެންކަމުން ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެމުހިންމު ތަޞައްވުރެއް ކަމަށާއި، އެކަމަށްޓަކައި މި ވެރިކަމުގެ ެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި 'ކޮންމެ ކުއްޖަކަށް ޢާއިލާއެއް' ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށާފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އެ ޕްރޮގްރާމަކީ ީ ޢާއިލާތަކުގެ ޙާލަތު ބަދަލުކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން ޢާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް، ވަގުތީ ގޮތުން ވެސް ކުދިން ފޮސްޓަކޮށް ޢާއިލާގައި ބެހެއްޓޭނެ ނިޒާމު ޤާއިމުކޮށް، ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް ފެށި މަސައްކަތެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި އެ މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާ ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
އެއާއެކު، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުންދޭ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރާ ކަމުގެ ރީތި މިސާލެއް ކަމުގައި ފާހަގަކުރައްވަމުން ވަޒީރު ވަނީ، އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ކިބައިން ޝުކުރު އަދާކުރައްވާފައެވެ.
އަދި ި ކުރިއަށް އޮތް ތަނުގައި ކުޑަކުދިންކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.