ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ޚާއްސަ ޕްރޮގްރާމެއް


13 މޭ 2025 - 06:40
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން 'ސަޕޯޓް ގްރޫޕްތައް' ހިންގަން ފަށައިފިއެވެ.
މަމްސް އެއިޑްއާއި ގުޅިގެން ކުރައަށް ގެންދާ މި ޕްރޮގްރާމްގެ އަމާޒަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަކު އަނެކަކަށް އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރުމާއި، އެކަކު އަނެކަކަށް ހިތްވަރުދިނުމާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރު ހޯދާ ގޮތްތަކާއި، ކުދިން ބަލަހައްޓަމުން އަމިއްލަ ނަފްސަށް ވަގުތު ހޯދުމާއި، އަމިއްލަ ނަފްސު ބަލަހައްޓާނެ ގޮތްތައް ކިޔައިދިނުމާއި، އެފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިންނާ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފަ އެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ދަށުން ގެތަކަށް ޒިޔާރަތްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނާ ވާހަކަދެއްކުމުން މި ކުދިން ބެލެހެއްޓުމުގައި މި ފަރާތްތައް ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށާއި، މީގެތެރޭގައި، ގެއިން ބޭރަށް ނުނިކުމެ ހަފްތާތަކާއި މަސްތައް ހޭދަކުރާ ބެލެނިވެރިންވެސް ތިބިކަން ފާހަގަކުރައްވާފައެވެ.
"މި ބެލެނިވެރިންނާ ވާހަކަދެއްކުމުން، އެ ބޭފުޅުންގެ ވާހަކަތައް އަޑުއަހައި، ވާހަކަދައްކާނެ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަންވެސް އަޅުގަނޑުމެންނަށް ދެނެގަނެވުނު. މިފަދައިން ވާހަކަދައްކައި، އެހެން ދެވަނަ ފަރާތަކާ މި އިޙްސާސްތައް ހިއްސާކުރުމަކީ، ބެލެނިވެރިންނަށް ހިތްހަމަޖެހުން ލިބި، އެ ބޭފުޅުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުކުރާ ކަމެއްކަން ފާހަގަކުރެވުނު."
މިފަދަ ސަޕޯޓް ގްރޫޕުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓަމުންދާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އުފާވެރިކަމާއެކު ދިރިއުޅުން ބައްޓަންކުރުމަށް ބޭނުންވާ ހުނަރުތައް ލިބިގެންދާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި ހިތްވަރުގަދަ ބެލެނިވެރިންގެ ފަރާތުން އެކަކު އަނެކަކަށް ހިއްސާކުރާ ތަޖުރިބާތަކުގެ އަލީގައި މި ކުރެވޭ މަސައްކަތްތަކަކީ އަމިއްލަ ނަފްސަށް ފަޚުރުވެރިވާންޖެހޭ އަގުހުރި ޚިދުމަތެއްކަމުގެ އިޙްސާސްކުރެވި، ދުވަސް ހެޔޮގޮތުގައި ރާވާލުމުގައި، ކުދިން ބެލެހެއްޓުމުގައި ސަޕޯޓް ސިސްޓަމެއް އުފެދިގެންދާނެކަމަށް ވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި ކެތްތެރިކަން ފާހަގަކޮށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ މި ބެލެނިވެރިންނަށް ހިތްވަރުދެއްވާފައެވެ. އަދި، މޮމްސް އެއިޑުން ސަޕޯޓް ގްރޫޕްތައް ހިންގައިދިނުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ފަރާތަށް ވެސް ވަޒީރުވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
އެކި ބެޗްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެއެވެ.
އިތުރު ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލި ދަސްވާރު ޕްރޮގްރާމް ފަށައިފި
8 މަސް ކުރިން
ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާންމު ނުކުރުމަށް އެދިއްޖެ
3 މަސް ކުރިން
ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އާދޭ: ލަހުފާ
2 މަސް ކުރިން