logo
ޚަބަރު

މިއަހަރު 9 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މޭ 2025 - 08:32
މިއަހަރު 9 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ.

މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 901،210 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.1 ޕަސެންޓްގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 833،448 ފަތުރުވެރިންނެވެ. މިއަހަރު މިވަނީ އޭގެ މައްޗަށް 67،762 ފަތުރުވެރިން އިތުރުވެފައެވެ.

ފާއިތުވި އަހަރު ނުވަ ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރީ ޖޫން މަހުގައި ކަމަށްވާއިރު، މިއަހަރު އެ އަދަދަށް ވާސިލުވެފައިވަނީ އޭގެ ދެ މަސް ކުރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 103،072 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 97،123 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން 93،043 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،725 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. 22 ޕަސެންޓް ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު، ސަފާރީތަކުގައި 5 ޕަސެންޓް އަދި ހޮޓާތަކުގައި 4 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މި ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ހަލުވި ދުވެލިއެއްގައި ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މިއަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މި ކުރިއެރުން ދެމެހެއްޓޭނެ ކަމަށް އުންމީދުކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓްގެ އެއް ވަނައިގައި ޗައިނާޚަބަރު | 2 ދުވަސް ކުރިންފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.5 މިލިއަނަށްޚަބަރު | 6 ދުވަސް ކުރިންރަށު ފަތުރުވެރިކަމަށް ހާއްސަ "ތިޖާރާ ރަށު ފަތުރު" ލޯނަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 7 ދުވަސް ކުރިންމިއަހަރުގެ އަމާޒު ހާސިލުކުރުމަށް ދެން ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންޚަބަރު | 9 ދުވަސް ކުރިން