އިންޑިއާއިން ރާއްޖޭގައި 100 މިލިއަން ރުފިޔާގެ 13 މަޝްރޫއެއް ހިންގުމަށް ނިންމައިފި


18 މޭ 2025 - 14:30
އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް"ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ދިވެހިރާއްޖޭގައި ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 13 ފަހުމްނާމާ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ސޮއިކުރި ފަހުމްނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި ނިންމަން އެހީއަކަށް ވެގެންދާނެ މުހިންމު މަޝްރޫއުތަކެކެވެ.
މި ފަހުމްނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ ޚަލީލް ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ، އަބަދުވެސް ފާހަގަކޮށްލެވޭ، ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވި، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒްކޮށްދޭ މިސާލެއްކަމުގައި ފާހަގަކުރައްވާފައެވެ. މިއަދު މި ސޮއިކުރެވުނު މަޝްރޫއުތަކަކީ މުޖުތަމަޢުގެ އުމްރާނީ ތަރައްްޤީ އަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭ ގޮތަށް އަމާޒުކުރެވިގެން ކަނޑައަޅާފައިވާ މަޝްރޫޢުތަކެއް ކަމުގައި މިނިސްޓަރ ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ރޫޙު ދައްކުވައިދޭ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހަފްލާގައި، މިނިސްޓަރ އަމީން އާއި ހައިކޮމިޝަނަރ ވެސް ވާހަކަފުޅު ދައްކާފައި ވެއެވެ. މި ގޮތުން މި މަޝްރޫޢާ ބެހޭގޮތުން މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
އަދި އިންޑިޔާއާއެކު މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މި ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ތަކުރާރުކުރެއްވިއެވެ. އަދި މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރިން މުޅި މަޝްރޫޢު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުތައް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރު ހިސް އެކްސެލެންސީ ނަރެންދްރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ އެސް. ޖައިޝަންކަރު ދެޤައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހައި ކޮމިޝަނަަރ ބަލަސުބަރަމާނިއަން އާއި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.
"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމްގެ ތިންވަނަ ފިޔަވަހި އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރު ލިޔުންތައް

އަންނަ އާދިއްތަ ދުވަހު ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ
8 މަސް ކުރިން
އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
7 މަސް ކުރިން
ރައީސްގެ ދެ ކަނބަލުންނަށް އިންޑިޔާއިން ޙޫނު މަރުޙަބާއެއް ކިޔައިފި
7 މަސް ކުރިން