logo
ކުޅިވަރު

އިންޓަރ ފުރުސަތު ނަގާލައިފި، ޗެންޕިއަންކަން ޔަޤީންވާނީ އެންމެ ފަހު މެޗުގައި

އަބްދުﷲ ޣާނިމް
19 މޭ 2025 - 03:11
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ބީބީސީ

އިޓާލިއަން ސެރިއާ އޭގެ އެއްވަނަ ހޯދުމަށް އިންޓަރ މިލާނަށް ލިބުނު ރަނގަޅު ފުރުސަތު އެ ޓީމުން ވަނީ ނަގާލައިފައެވެ. އަމިއްލަ ދަނޑު ސެންސީރޯގައި ރޭ ބޭއްވުނު މެޗުގައި ލާޒިއޯ އާ ދެކޮޅަށް ކުޅެ، ފަހުގަޑީގައި ލާޒިއޯ ޖެހި ގޯލާއެކު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ނަޕޮލީ ވެސް ރޭ ޕާމާ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެހެންކަމުން އެއް ޕޮއިންޓް ފަހަތުގައި އޮތް އިންޓަރ އަށް ރޭގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނއަށް އަރަން ފުރުސަތު ލިބުނެވެ. ނަމަވެސް މި ނަތީޖާއާ އެކު މިހާރު 37 މެޗުން އިންޓަރ މިލާނަށް ވަނީ 78 ޕޮއިންޓް ލިބިފައެވެ. އަދި މިވަގުތު އެއްވަނައިގައި އޮތް ނަޕޮލީ އަށް ވަނީ 79 ޕޮއިންޓް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އިންޓަރ މިލާނުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔޭން ބިޝޭކް ވަނީ އިންޓަރ މިލާނަށް ކުރި ހޯދައިދީފައެވެ. ނަމަވެސް 72 ވަނަ މިނެޓުގައި ބާސެލޯނާ އާއި ޗެލްސީގެ ކުރީގެ މީޑްފީލްޑަރު ޕެޑްރޯ ވަނީ ލާޒިއޯ އަށް ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ޑެނިއަލް ޑަމްފްރައިސް ވަނީ އިންޓަރ މިލާނަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުގައި ލާޒިއޯ އަށް ލިބުނު ޕެނަލްޓީއަކުން ޕެޑްރޯ ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ.

މި ނަތީޖާއާ އެކު ސެރިއާގެ ޗެމްޕިއަންކަން ކަނޑައެޅިގެންދާނީ އަންނަ ހަފުތާގައި ކުޅޭ ލީގުގެ ފަހު މެޗުގައެވެ. އަންނަ އާދީއްތަ ދުވަހު އިންޓަރ މިލާން ކުޅޭނީ ކޯމޯ އާ ދެކޮޅަށެވެ. އަދި ނަޕޮލީ ނިކުންނާނީ ކަގްލިއާރީ އާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ މިލާނާއި މޮންޓެރޭ ދެވަނަ ބުރަށްކުޅިވަރު | 2 މަސް ކުރިންފަހުވަގުތު ރެޑް ޑައިމަންޑް އަތުން މޮޅުވެ، އިންޓަރ ދެވަނަ ބުރުގެ އުއްމީދުތައް އައުކޮށްފިކުޅިވަރު | 2 މަސް ކުރިންއިންޓަރ މިލާންގެ އައު ކޯޗަކަށް ކްރިސްޓިއަން ޗިވޫ އައްޔަންކޮށްފިކުޅިވަރު | 3 މަސް ކުރިންއިންޓަރ ހަމަބިމަށް ތިރިކޮށް ޕީއެސްޖީގެ ތާޜީހުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންސްލީގު ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން