logoEN
ޚަބަރު

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

19 މޭ 2025 - 17:12

ހދ. ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ފެށުމަށް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްގެ ފަރާތުން މިއަދު ނެރުނު ޖޮއިންޓް ޕްރެސް ރިލީޒްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ބަނދަރަކީ، ރާއްޖޭގެ ސަރަޙައްދީ ބަނދަރުތައް ތަރައްޤީކޮށް ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.

މި މަޝްރޫޢުގެ އަމާޒަކީ ހއ. ހދ. ށ. ނ. އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްޞަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރުމެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ރޭވިފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއިން އިތުރަށް ބުނެފައިވަނީ، ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ފަށައިގަތުމަށް ސޮއިކުރެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލްކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލޭނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ހެޔޮއަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުމަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢު ފެށުމާއެކު، ކުޅުދުއްފުށީގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، އުތުރު ސަރަޙައްދުގެ ވިޔަފާރިއަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އަދި މި ބަނދަރުގެ ސަބަބުން އުތުރު ސަރަޙައްދުގެ ރަށްތަކަށް މުދާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުވެ، އަގުތައް ތިރިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ސަރުކާރުން މި މަޝްރޫޢަށް ދެއްވާ އިސްކަމަކީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ހަމަހަމަ ގޮތެއްގައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.

ކޮމެންޓް

871x217_placeholder