ދުންފަތް އެތެރެކޮށްގެން އާމްދަނީ ހޯދާކަށް ބޭނުމެއްނޫން: ރައީސް


21 މޭ 2025 - 09:47
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ އަގު ބޮޑު ކުރީ ދައުލަތަށް އާމްދަނީ ހޯދުމަށް ނޫން ކަމަށާއި އެ ދާއިރާއިން އާމްދަނީ ހޯދުމަށް ސަރުކާރުން ނުވިސްނާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގައި ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ ވިޔަފާރިއަކީ އެ މަނިކުފާނު ތަރުހީބުދޭ ވިޔަފާރިއެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މި އަޅާ ފިޔަޅުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމައުގެ އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު އަމާޒަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލުތަކެއް ހޯދައިދިނުން ކަމަށާއި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ، ޤައުމުގެ މުސްތަޤްބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ދެށުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.
ބިލް ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ އަގު ބޮޑު ކުރީ ދައުލަތަށް އާމްދަނީ ހޯދުމަށް ނޫން ކަމަށެވެ. އެ ދާއިރާއިން އާމްދަނީ ހޯދުމަށް ސަރުކާރުން ނުވިސްނާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ރަނގަޅީ ވެސް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ އެއްވެސް ކަމެއް ނުހިންގިއްޔާ. މި ދާއިރާއިން އާމްދަނީ ހޯދުމަށް ނުވިސްނަން. މި ދާއިރާއިން ލިބޭ އެއްޗެއް ވިއްޔާ އަޅުގަނޑުމެން ނިންމާފައި ވަނީ އާންމު ސިއްހަތު ރަނގަޅު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ހަގީގީ ހައްލު ގެނެސްދޭން ކަމަށާއި މިކަމުގައި ދުންފަތުގެ ވިފަޔާރިކުރާފަރާޓްތަކުން ހިިންހަމަ ނުޖެހުނު ނަމަވެސް އެމަނިކުފާނަށް ފަރުވާލެއްނެތްކަމަށެވެ.
ރައީސް ވިދާޅުވީ، މިފަދަ ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތް ކަމަށާއި، މި އިޞްލާޙް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ޤައުމުގެ މުސްތަޤްބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޤައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ އަމާޒު ކަށަވަރުކުރުމުގައި މިބިލަކީ އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމުގައި ވެގެންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް ފެށި، އާންމުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިނގޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޤާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫންކަމަށާއި، އަމާޒަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
10 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން