ސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި


22 މޭ 2025 - 10:05
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް މިހާރުގެ 12 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ.
އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ހަމަވިއިރު، ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ފަނޑިޔާރުންގެ ތެރެއިން ހަ ބޭފުޅަކު ވެސް ކުރިމަތިލެއްވި އެވެ.
އޭގެތެރެގައި ހިމެނިވަޑައިގަންނަވަނީ :
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް.
ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދު.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު.
މީގެ އިތުރުން ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދާއި ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ގ. އަންމޯލް އިބްރާހިމް އަލީ އާއި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި އެވެ.
ރާއްޖޭގެ އެންމެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުންނެވެ.
އިތުރު ލިޔުންތައް

ސުޕްރީމް ކޯޓަށް 16 އަހަރު
9 މަސް ކުރިން
މެންބަރުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމު ކޯޓަށް
6 މަސް ކުރިން
އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި
6 މަސް ކުރިން