logo
World

ޣައްޒާ އެދިގޮވަނީ އެހީއަށް: ބޭސްފަރުވާގެ ސާމާނު މުޅިން ހުސްވެއްޖެ

އަޙްމަދު ޒަލީފް
27 މޭ 2025 - 13:59
ޣައްޒާ އެދިގޮވަނީ އެހީއަށް: ބޭސްފަރުވާގެ ސާމާނު މުޅިން ހުސްވެއްޖެ

ފަަލަސްޠީނުގެ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި އޮތުމާ އެކު ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެ ސަހަރުން ހުސްވެފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފިއެވެ.

އިރުމަތީ މެޑިޓެރޭނިޔަން ސަރަޙައްދަށް ޑަބްލިޔުއެޗްއޯން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޙަނާން ބަލްޚީ ވިދާޅުވީ، އެންމެ ޒަރޫރީ ބޭސްތަކުގެ ތެރޭގައި ހިމެނޭ %42 ބޭސް ޣައްޒާއިން މުޅިން ހުސްވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ބޮޑެތި ޒަޚަމުތަކެއް ދީފައިވާ މީހުންނަށް ބޭނުންވާ ތަދުކަނޑުވާ ބޭސްތައް ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ ގަސްދުގައި އެ ސަހަރުގެ 2.1 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖައްސައި، އެތަކެއް ސަތޭކަ ހާސް ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ސިފަކުރެއެވެ.

11 ހަފުތާއަށް ފަހު، ޔަހޫދީ ފައުޖުން ވަނީ ވަރަށް މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ހުސްވި ހަފުތާގައި ދީފައެވެ. މި ގޮތުން، އެ ސަހަރަށް އެތެރެ ކުރުމަށް ހުއްދަ ދީފައި ވަނީ ތުއްތުކުދިންގެ ކާނާއާއި، ގޮދަންފުށާއި، ބޭހާއި ބޭސްފަރުވާގެ ސާމާނު ބަރު ކޮށްފައިވާ އެންމެ 100 ލޮރީއެވެ. އެއީ، ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ތަކެތީގެ އެންމެ "ސައިސަމުސަލެއްހާ" ކުޑަކުޑަ މިންވަރެއް ކަމުގައި ވިދާޅުވެ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޔަހޫދީންނަށް ފާޑުވިދާޅުވެފައެވެ.

ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތިކޮށް ބިކަކޮށްލުމުގެ ގޮތުން، އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޔަހޫދީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި ވާތްގާ އެކު ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ ތެރެއިންނެވެ. އެހީ ބެހުމުގެ މަސައްކަތްތައް ޙަވާލު ކުރުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ.

ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާއާ ދެކޮޅަށް ހިންގާ ޤަތުލްއާންމުގައި އިތުރު 40،000 ސިފައިން ބައިވެރިވަނީ ދުނިޔެ | 16 ގަޑިއިރު ކުރިންޣައްޒާ ފަހުނޭވާގައި: ކާނެ އެއްޗެއް ނުލިބި އިތުރު 13 ކުއްޖަކު ޝަހީދުވެއްޖެ ދުނިޔެ | 2 ދުވަސް ކުރިންފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބެލްޖިއަމުންވެސް ބަލައިގަންނަނީދުނިޔެ | 2 ދުވަސް ކުރިންހިސޯރު ނައްތާލަން ގްލޯބަލް ސުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށްދުނިޔެ | 3 ދުވަސް ކުރިން