މިދިޔަ ސަރުކާރުގެ ކުޅިވަރުގެ މަޝްރޫއުތަކުގައި އިހުމާލާއި ކޮރަޕްޝަން
28 މޭ 2025 - 11:59

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުޅިވަރު ވުޒާރާއިން ހިންގި ކުޅިވަރު މަޝްރޫތަކުގެ ރެކޯޑު ބެލެހެއްޓުމުގައި އިހުމާލުވެ ބޮޑެތި ކޮރަޕްޝަނުގެ މައްސަލައް ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުން ބުނެފިއެވެ.
އޮޑިޓް އޮފީހުން ބުނީ ކުޅިވަރާ ބެހޭ ވުޒާރާއިން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މި މުއްދަތުގައި ވުޒާރާއިން 576 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވާއިރު އެ މަޝްރޫއުތަކުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

Ad by Hajj Corporation
އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަޝްރޫތައް ބައިބަޔަށް ބައިކޮށް ތަފާތު އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކޮށްފައިވާކަމަށާއި މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ޕްރޮކިޔުމެންޓްގެ ވާދަވެރިކަން ގެއްލޭގޮތަށް އެއް ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަންކަން ބައިބައިކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް އޮޑިޓް އޮފީހުންވަނީ ފާހަގަކޮށްފައެވެ.
2022 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް ކުރި ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވެފައިވާކަމަށް ދައްކާއިރު ރިޔާސީ އިންތިހާބު އޮތް 2023 ވަނަ އަހަރު އެ ހަރަދުތައް އެހެން އަހަރުތަކާ ބަލާއިރު މާ ބޮޑަށް އިތުރުވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެެވެ. 2022 އަހަރާ އަޅާ ބަލާއިރު 2023 ވަނަ އަހަރުގެ ހަރަދުތައް 64 އިންސައްތަ އިތުރުކަމަށާއި އަހަރުން އަހަރަށް ހަަރަދު އިތުރުވިޔަސް މަޝްރޫއާ ގުޅޭ ކަންކަން ބަލަހައްޓާފައި ނުވާކަމަށް ރިޕޯޓުގައިވަނީ ބުނެފައެވެ.
އެއް މަޝްރޫއެއްގައި ހިމެނޭ މަސައްކަތްތައް ވަކިވަކި މަޝްރޫތަކެއްގެ ގޮތުގައި ހިންގާފައިވާ ގޮތް:
ދަނޑުގެ ސަބް ބޭސް އެޅުން.
އެ ދަނޑަށް ޓާފް ސަޕްލައި ކޮށްދިނުން.
އެ ދަނޑުގައި ޓާފް އެޅުން.
އެ ދަނޑުގައި ރޮސްޓްރަމް ހެދުން
އެ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން.
މިގޮތުން 129 މަޝްރޫގެ ތެރެއިން 23 މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ވަނީ އެ މަޝްރޫތަކުގެ ތެރޭގައި ހިމެނޭ އެއްކޮށް ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށް ވަކިވަކި ކޮށްގެންކަން ފާހަގަކޮށްފައިވާއިރު މި 23 މަޝްރޫގެ ތެރެއިން 18 މަޝްރޫއަކީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫއެއްނަމަ އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ޓެންޑާ ބޯޑަށް ހުށަހަޅައިގެންކަން މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔާތު ގާނޫނާ ހިލާފަށް އެޑްވާންސް ފައިސާގެ ގޮތުގައި މަޝްރޫއުގެ ޖުމްލަ އަގުގެ 55 އިންސައްތަ ދޫކޮށްފައިވާކަމަށާއި މިއީވެސް މާލިއްޔަތު ގަވާއިދާ ހިލާފަށް ކޮށްފައިވާކަމެއްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފަައެވެ.
މާލިއްޔަތު ގަވާއިދުގައި ބުނަނީ މިފަދަ ހާލަތެއްގައި އެންމެ ގިނައިން ދޫކުރެވޭނީ ޖުމްލަ އަގުގެ 15 އިންސައްތަކަމަށެވެ.
އުސޫލާ ހިލާފަށް އެޑްވާންސް ފައިސާ ދޫކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖެއިން ބޭރުން ތަކެތި ޝިޕް ކުރުމަށްފަހު ޝިޕިންގ ޑޮކިއުމަންޓްސް މިނިސްޓްރީއަށް ހުށަހެޅުމުން 30 އިންސައްތަ ފައިސާވަނީ ދޫކޮށްފައެވެ.
އަދި ޝިޕް ކުރި ތަކެތި ރާއްޖެއަށް ލިބުމުން 10 އިންސައްތަ ފައިސާ ދޫކޮށްފައިވާކަމަށާއި ވުޒާރާ އަށް ހިދުމަތާއި ތަކެތި ލިބުމުގެ ކުރިން ދޫކޮށްފައިވާ އެޑްވާންސް ފައިސާގެ އަދަދު 55 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ.