logoEN

ރަޙުމުގެ ކަންފުޅެއްވެސް ނެތް: ކާތަކެތި ބަލައި ދިޔުމުންވެސް ޝަހީދުކޮށްލައިފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

28 މޭ 2025 - 12:12

ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަހަމުން ދިޔަ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ޙަމަލާދީ ތިން މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް އެއްވި ޢާންމުންނަށް އަމާޒުކޮށެވެ.

އެމެރިކާގައި ޤާއިމު ކޮށްފައިވާ ޖަމުޢިއްޔާއެއް ކަމުގައިވާ ޖީއެޗްއެފުން ވަނީ، ރަފަޙްގައި އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ބުނެފައެވެ. އަދި، އެ ސަރަޙައްދަށް އިންޒާރުގެ ޙަމަލާތަކެއް ދިން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށް ބުނެ، ޔަހޫދީ ފައުޖުން ވެސް ވަނީ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ބަޔާނެއް ނެރެފައެވެ.

ރަފަޙްގައި ޖީއެޗްއެފުން ހިންގަމުން ދިޔަ އެހީދޭ މަރުކަޒު ކައިރިއަށް އެއްވި ޢާންމުންނަށް ޙަމަލާދީ ތިން މީހަކު ޝަހީދު ކޮށްލުމާ ގުޅިގެން އެކުވެރި ދައުލަތްތައް (އދ)އާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އެމެރިކާއާއި ޔަހޫދީން ދަނީ ޖީއެޗްއެފް ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޮކްޓޯބަރު މަހުން ފެށިގެން މިއަދާ ހަމައަށް ޔަހޫދީންގެ ހަމަލާތަކުގައި 16،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ އަދަދު 16,500 ވަނީ އަރާފައެވެ.

މި ކުދިންގެ ތެރެއިން އެއް އަހަރުވެސް ނުފުރޭ 916 ކުއްޖަކާއި، އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ 4,365 ކުއްޖަކު ހިމެނެއެވެ. އަދި 6 އަހަރާއި 12 އަހަރާ ދެމެދުގެ 6,101 ކުއްޖަކާއި، 13 އަހަރާއި 17 އަހަރާ ދެމެދުގެ 5,124 ކުއްޖަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ގެދޮރު ދޫކޮށް ރައްކާތެރިހެން ހީވާ ސަރަހައްދުތަކަަށް ހިޖުރަކުރަކުރަމުންދާއިރު ކުޑަކުދިންނަށް މި ހާލަތުގެ ސަބަބުން ވަރަށް ބޮޑެތި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބެމުންދާކަން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.

ޣައްޒާގައި ހިނގަމުންދާ އުދުވާނުގެ ސަބަބުން ކޮންމެ 45 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުކޮށްލާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ކޮމެންޓް

871x217_placeholder