ނޭމާއަށް ކޮވިޑް ޖެހިއްޖެ
8 ޖޫން 2025 - 08:23

ބްރެޒިލްގެސުޕަސްޓަރ ނޭމާ އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އޭނާގެ ކުލަބް ސަންޓޯސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
"ބުރާސްފަތި ދުވަހު (ޖޫން 5) ފެށުނު ވައިރަލް ހާލަތަކާ ގުޅިގެން، ސަންޓޯސް އެފްސީގެ މެޑިކަލް ޑިޕާޓްމަންޓްގެ އެސެސްމަންޓަށްފަހު ނޭމާ ޖޫނިއަރ ވަނީ ލެބޯޓަރީ ޓެސްޓްތަކެއް ހަދާފައެވެ. އަދި މި ޓެސްޓްތަކުން ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުވެފައިވެއެވެ،" ކުލަބުގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation
ރޯގާގެ އަލާމާތްތައް ފެންނަން ފެށި ބުރާސްފަތި ދުވަހުން ފެށިގެން އޭނާ ވަނީ ކުލަބުގެ ހަރަކާތްތަކުން ދުރުގައި ހުއްޓެވެ. އަދި މިހާރު ގޭގައި އަރާމުކުރަމުންދާ އިރު، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ބޭސްފަރުވާ ކުރަމުންދާ ކަމަށް ކުލަބުން މައުލޫމާތު ދީފައިވެއެވެ.
33 އަހަރުގެ ނޭމާ އަށް މިއީ ކޮވިޑް-19 ޖެހުނު ދެވަނަ ފަހަރެވެ. އޭނާއަށް ކުރިން މި ބަލި ޖެހިފައިވަނީ 2021 ގެ މޭ މަހު، ޕެރިސް ސަންޖާމަންގައި ކުޅެމުންދިޔަ ދުވަސްވަރުއެވެ. އޭރު ހަތަރު މަސް ދުވަހުގެ ރިކަވަރީއަކަށްފަހު އޭނާ ވަނީ ތަމްރީނުތަކަށް އެނބުރި އައިސްފައެވެ.
2023 ގައި ފްރެންޗް ކުލަބުން ވަކިވުމަށްފަހު، އޭނާގެ ކުޅުމުގެ ފެންވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވެއެވެ. މިހާރު އޭނާ ކުޅެމުންދަނީ އޭނާގެ ކުޑައިރުގެ ކުލަބް، ސަންޓޯސްގައެވެ. 79 ބައިނަލްއަޤްވާމީ ލަނޑާއެކު، އޭނާއަކީ ބްރެޒިލްގެޤައުމީޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ނަމަވެސް، އެކި އެކި އިންޖަރީތަކުގެ ސަބަބުން އޭނާގެ ކެރިއަރ ނޭދެވޭ އަސަރުކޮށްފައެވެ. އޭނާގެ އެންމެ ފަހުގެ ބައިނަލްއަޤްވާމީ މެޗަކީ 2023 ގެ އޮކްޓޯބަރުގައި އުރުގުއޭ އާ ދެކޮޅަށް ކުޅުނު މެޗެވެ. މި މެޗުގައި އިންޖަރީއެއްގެ ސަބަބުން އޭނާ ވަނީ ދަނޑުން ބާލަންޖެހިފައެވެ.