logoEN
ޚަބަރު

މޫސުން އަލިވާނީ އަންނަ އަންގާރައިން ފެށިގެން: މެޓް އޮފީސް

ރާއްޖޭގެ އެކި ހިސާބުތަކަށް އަދިވެސް ވަރަށް ވިއްސާރަ ކަމަށާއި، މޫސުން އަލިވާނީ އަންނަ އަންގާރައިން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓަކު މިއަދު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް އަދިވެސް ވިއްސާރަ ކަމަށާއި، ރާއްޖޭގެ ބޮޑު ބަޔެއްގެ ކަނޑުތައް ވެސް ގަދަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު މޫސުން ގޯސްވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައި ގަދަވާނެ ކަމަށް ވެސް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެއާއެކު، މި ދުވަސްވަރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުގައި ފާހަގަކުރަމުން އެ އޮފީހުން ވަނީ، އަންނަ ހޯމަ ނުވަތަ އަންގާރައިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކޮށްފައެވެ.

ކޮމެންޓް

871x217_placeholder