ފަސޭހަކަމާއެކު އަލް ޢައިން ބަލިކޮށް ޔުވެންޓަސް ގްރޫޕް ޖީގެ އެއްވަނައަށް
19 ޖޫން 2025 - 03:29

ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު ޔޫއޭއީގެ އަލް އައިން އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔުވެންޓަސް އިން ކާމިޔާބުކޮށްފި އެވެ. މި މޮޅާއެކު ގްރޫޕް ޖީގެ އެއްވަނަ މަގާމަށް ޔުވެންޓަސް ވަނީ ގޮސްފައެވެ.
ވޮޝިންޓަންގެ އައުޑީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 11 ވަނަ މިނެޓުގައި ރަންޑަލް ކޯލޯ މުއާނީއެވެ. އޭގެ 10 މިނެޓު ފަހުން ފްރެންސިސްކޯ ކޮންސެއިސާއޯ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އިތުރަށް ބޮޑުކޮށްފައެވެ.

Ad by Hajj Corporation
މެޗުގެ 31 ވަނަ މިނެޓުގައި ކެނާން ޔިލްޑިޒް ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯލޯ މުއާނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކުރިއެވެ. ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ފްރެންސިސްކޯ ކޮންސެއިސާއޯ އޭނާގެ ދެވަނަ އަދި ޓީމުގެ ފަސްވަނަ ލަނޑު ޖެހިއެވެ.
މި މޮޅާއެކު ގްރޫޕް ޖީގައި ޔުވެންޓަސް އާއި މެންޗެސްޓަރ ސިޓީ އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ޔުވެންޓަސް ވަނީ ގްރޫޕްގެ އެއްވަނައަށް ގޮސްފައެވެ. މި މެޗުގައި ޔުވެންޓަސް އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ވަރުގަދަ ދިފާއީ އަދި ހަމަލާދޭ ކުޅުމެއް ދައްކާފައެވެ.
މި ގްރޫޕްގައި ދެންއަންނަ މެޗުގައި ޔުވެންޓަސް ވައިޑާޑް ކަސަބްލަންކާ އާއި ދެކޮޅަށް ނިކުންނައިރު، ސިޓީ ނިކުންނާނީ އަލް ޢައިން އާއި ދެކޮޅަށެވެ.