ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
19 ސެޕްޓެމްބަރު 2024 - 04:30

ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 18 ރަށަކަށް ކުނި މެނޭޖުކުރަން ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފިއެވެ.
މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނަރ ރޫމްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ.

Ad by Hajj Corporation
މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ.
އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުންއަންނަކަމުގައި ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައެއް ކަމަށާއި، ރަށްތަކަށް ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށުފެންވަރުގައި ކުނި މޭނޭޖްކުރުމަށްވެސް އެމަނިކުފާނު ކައުންސިލްތަކަށް ގޮވާލައްވާފައިވެއެވެ.
މިއަދު ހަވާލުކުރެވުނު ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ.


